ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ތަސްދީގު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމާއި، ހަކަތަ ބޭނުންކުރުމާއި، ހަކަތަ ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައަޅާފައިވާ ޤާނޫނެކެވެ. މި ޤާނޫނުގައި ހަކަތައިގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ޙައްޤުތަކާއި، ޢާންމު ބޭނުންތަކެއްގެ ޚިދުމަތެއްގެ ގޮތުގައި ހަކަތަ ފޯރުކޮށްދޭ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި، އެފަދަ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ހިފަހައްޓައި، ޚިދުމަތްހޯދާ ފަރާތްތަކަށް އެކަށީގެންވާ އަގެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވެއެވެ.

އަދި މިޤާނޫނަކީ އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމާއި، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދޭ، ތިމާވެއްޓާ ރައްޓެހި، އަދި މޫސުމަށް އަންނަ ބަދަލުތަކަށް ބަރުދާސްތު ކުރަނިވި، ޖައްވު ހޫނުކުރާ ގޭހުގެ ޙިއްޞާ ކުޑަ، އަދި ޚަރަދުކުޑަ ހަކަތައިގެ ނިޒާމެއް ޤާއިމުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގެ ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގައި ބެލެހެއްޓުމާއި، ހަކަތައިގެ ޚިދުމަތް ހޯދާ ފަރާތްތަކާއި، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުން ހިމެނެއެވެ. އަދި ހަކަތައިގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލައިސަންސް ދިނުމާބެހޭ އުސޫލުތައް ބަޔާންކުރުންވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖެ ކާބަން ނެޓް ޒީރޯ ޤައުމަކަށް ހެދުމަށްޓަކައި ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތައަށް ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް އެކުލަވާލަންޖެހޭ ޕްލޭން އެކުލަވާލުން އަދި ހަކަތައިގެ ވަސީލަތްތަކާއި ޚިދުމަތްތަކަށް ޤަޞްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ހަކަތައިގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެ ޚިދުމަތްތައް ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުންވެސް މި ޤާނޫގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޢާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު އުވޭނެކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން 12 މަސްދުވަހުގެ ތެރޭގައި ހަދައި، ޢާންމުކޮށް ޝާއިޢުކުރަންވާނެކަމުގައިވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.