ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ރޭ ރާއްޖެ އާއި އިންޑިޔާ ބައްދަލު ކުރަން ހަމަޖެހިފައިވާ މެޗުގެ ޓިކެޓް މިއަދު ހެނދުނު 10 ޖަހާއިރު ސޯޝިއަލް ސެންޓަރުގައި ވިއްކަން ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.
ޔޫތު މިނިސްޓްރީއިން އިއްޔެ ހާމަކުރެއްވި ގޮތުގައި ސޯޝިއަލް ސެންޓަރުން މެޗުގެ ޓިކެޓް ވިއްކަން ހަމަޖެއްސިނަމަވެސް، އެއްވެސް ފަރާތަކަށް 9:30 ގެ ކުރިން ކިއު ނުހެދޭނެއެވެ. ޓިކެޓް ގަންނަން އަންނަން ސަޕޯޓަރުންނަށް ފަސޭހަވާނެހެން ގިނަ އަދަދެއްގެ ގޮނޑި މިހާރު ވަނީ ސޯޝިއަލް ސެންޓަރުގައި ޖަހާފައެވެ. ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ ކޮންމެ މީހަކަށް ދެޓިކެޓުގެ ރޭޓުންނެވެ.
ރާއްޖެއިން ސާފް ޗެމްޕިއަންޝިޕުގެ ތަށި ދެފަހަރު މިހާތަނަށް ކާމިޔާބު ކޮށްފައިވާއިރު، މިދެފަހަރުވެސް ފައިނަލުގައި މޮޅުވީ އިންޑިޔާ އަތުންނެވެ. މާދަމާ އިންޑިޔާއާ ދެކޮޅަށް ކުޅޭ މެޗުން (ލީގް ބުރުގައި އިންޑިޔާ އާއި ރާއްޖެ ކުޅޭ އެންމެ ފަހު މެޗް) ބަލިނުވެ ރާއްޖެއިން ފަރުޖައްސައިފިނަމަ ފައިނަލްގެ ޖާގަ ޔަގީން ވާނެއެވެ. އިންޑިޔާއަށް ފައިނަލުން ޖާގަ ލިބޭނީ ރާއްޖެ އަތުން މޮޅުވެއްޖެނަމައެވެ.
ރާއްޖެ އާއި އިންޑިޔާ މާދަމާ ރޭ ބައްދަލު ކުރާ މެޗުގެ ކުރިން ފައިނަލުގެ ފުރަތަމަ ޖާގަ، ނޭޕާލާއި ބަންގްލަދޭޝް ހަވީރު ބައްދަލު ކުރާ މެޗަށްފަހު ކަށަވަރު ވެގެންދާނެއެވެ. ލީގް އުސޫލުން މިފަހަރު ސާފް ޗެމްޕިއަންޝިޕް ކުޅެމުންދާއިރު ތާވަލުގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ ނޭޕާލެވެ. ރާއްޖެއަށް 6 ޕޮއިންޓް ލިބި ފައިދާ ދެލަނޑު އޮތްނަމަވެސް ތާވަލުގެ ކުރި ނުލިބެނީ ނޭޕާލް އާއި ރާއްޖެ ބައްދަލު ކުރި މެޗުން ރާއްޖެ ބަލިވެފައިވާތީއެވެ.
ރާއްޖެ ދެވަނައިގައި އޮތްއިރު ތިންވަނައިގައި 5 ޕޮއިންޓާއެކު އޮތީ އިންޑިޔާއެވެ. ހަތަރުވަނައިގައި ބަންގްލަދޭޝް އޮތީ 4 ޕޮއިންޓާއެކުއެވެ. ނޭޕާލް އަތުން މޮޅުވެގެން، 2003 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފައިނަލުން ފުރުސަތު ހޯދުމުގެ ދޮރު ބަންގްލަދޭޝްއަށް ވަނީ ހުޅުވިފައެވެ. ތާވަލުގެ ފުލުގައި ލަންކާ އޮތީ 1 ޕޮއިންޓާއެކުއެވެ.