އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަކަށް ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށްވާ ޑރ. މުޙައްމަދު ސާލީހު ހަމަޖައްސަވައިފިއެވެ.

ޑރ. ސާލިޙަކީ އައްޑޫ ސިޓީއަށް ނިސްބަތްވެ ވަޑައި ގަންނަވާ ބޭފުޅެކެވެ. އޭނާއަކީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލް ހިންގެވުމުގައި ވެސް އިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މަޝްހޫރު ސާޖަން ޑރ. ސާލިހު އޭއީއެޗު ހިންގެވުމާ ހަވާލުވެ ވަޑައިގަންނަވާނެ ސީދާ ދުވަހެއް އަދި ކަށަވަރު ވެފައެއް ނުވެއެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދެތިން ހަތަރު ދުވަސް ތެރޭގައި އޭނާ ހޮސްޕިޓަލާ ހަވާލުވެ ވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޑރ. ސާލިހާ އޭއީއެޗު ހިންގެވުން ހަވާލު ކުރެއްވީ ރައީސް އޮފީހުން ކަމަށް އެނގިފައިވެއެވެ. ސެޕްޓެމްބަރ 27 ވަނަ ދުވަހުން ފެށިގެން އޭއީއެޗު ހިނގަމުންދަނީ ސީދާ ރައީސް އޮފީހުގެ ބެއްލެވުމުގެ ދަށުންނެވެ.

ޑރ. ސާލިހު ފަދަ ތަޖުރިބާކާރު ބޭފުޅަކު އޭއީއެޗު ހިންގެވުމާ ހަވާލުވެވަޑައިގެންނެވުމުން އެތަނުގެ ޚިދުމަތުގެ ފެންވަރާއި ހަލުއި މިން ވަރަށް އަވަހަށް ކުރިއަރައިގެންދާނެ ކަމަށް އުންމީދުކުރާ މީހުން ވަރަށްގިނައެވެ. ޓާޝަރީ ހޮސްޕިޓަލެއްގެ ނަމުގައި އެތަން ހުޅުވިޔަސް ނަމާ އެއް ފެންވަރަށް ވަސީލަތްތަކާއި މީހުންގެ ދަތިކަން ހުރުމުން އެކަށީގެންވާ ޚިދުމަތެއް އެތަނުން އަދި ނުދެވެއެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.