އުތުރުތިލަފަޅު އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ދިނުމަށް ދަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފަސްމަސް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު ވަނީ އިއްޔެ ރާއްޖެ ވަޑައިގެންފައެވެ. އަދި މިއަދުގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމާއި އެމަނިކުފާނު ވަނީ ހަވާލުވެވަޑައިގެންފައެވެ.

ރިޔާސަތުގައި އިންނަވާ މިއަދު ރާއްޖޭގައި މިވަގުތު ހިނގަމުންދާ އެކި ކަންކަމަށް އަލިއަޅުއްވާލައްވަމުން، ރައީސް ނަޝީދު ވިދާޅުވީ އެއްބަސްވުން ދިރާސާކުރެއްވުމަށް ގޮވާލައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ހުށައަޅުއްވާފައިވާ މައްސަލަައަކީ ރަނގަޅު މައްސަލައެއް ކަމަށެވެ. އަދި އެމައްސަލަ ރައްޔޮތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއިން ބަލާނެކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.

" އިއްޒަތްތެރި މެމްބަރަށް އެގްރީމަންޓްގައިވާ ހުރިހާ އަކުރެއް އޮޅުންފިލުވައި ދިނުމަށް އެބަ މަސައްކަތްކުރައްވާ. އެނގިވަޑައިގަންނަވާނެ އެއީ އެއްވެސް ހާލެއްގައި ސިއްރު އެގްރީމަންޓެއް ނޫން" ރައީސް ނަޝީދު

ރައިސް ނަޝީދު ވިދާޅުވީ، މިއަދުގެ ވަގުތެއްގައި މަޖިލީހުގެ އަމީން އާންމު ޑިފެންސް މިނިސްޓްރީއަށް އެކަމުގައި ސިޓީއެއް ފޮނުވާނެ ކަމަށެެވެ. އަދި މަޖިލީހަށް އެއެގްރީމަންޓް ހާމަކޮށްދިނުމަށް ދަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގައި ހިމަނާފައިވާ ކަންކަން ހާމަކޮށްދެއްވުމަށް އެދި އިދިކޮޅުންނާއި ބައެއް އާންމުން ގޮވާލަމުންދާއިރު އެކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމެއްގެ ގޮތުގައި ޑިފެންސް މިނިސްޓްރީއިން ފާހަގަކުރެއެވެ. އެގޮތުން އެއްބަސްވުމުގެ ދަށުން އިންޑިޔާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބި އަދަދު ހާމަކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށައަޅާފައިވާއިރު، މިނިސްޓްރީއިން ވަނީ އެއަދަދު ހާމަކުރުމަށް ދެކޮޅު ހަދާފައެވެ.

އުތުރުތިލަފަޅު އެއްބަސްވުން ކަމަށް ބުނާ އެއްބަސްވުމެއްގެ ޑްރާފްޓް ކޮޕީއެއްވެސް ސޯޝަލް މީޑިޔާގައި ދައުރުވެފައިވެއެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މިވަގުތުވެސް ހަތަރު ސަރަހައްދެއްގައި އިންޑިޔާގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.