ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހުގެ މުއްދަތަށް މަނާކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީއިން ބުނީ، އިބްރާހީމް ޝާހިދު ވަޒީފާއަށް ނުކުތުން މަނާ ކުރީ، ހަވާލު ކުރެވޭ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގަށް ލިބުނު މައުލޫމާތުގެ އަލީގައި އިބްރާހީމް ޝާހިދު، ޖިނާއީ މައްސަލަތައް ކުރިޔަށް ގެންގޮސްފައި ނުވާ ކަމުގައި ކުރެވިފައިވާ ތުހުމަތަށް އިއުތިރާފު ވެފައިވާތީ ކަމަށެވެ.

މީގެ އިތުރުން ޖޭއެސްސީން ބުނީ، އެ ކޮމިޝަނުން ކުރި ތަހުގީގަށް ހޯދުނު މައުލޫމާތުން ވެސް އިބްރާހީމް ޝާހިދު ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދާ ކަން ސާބިތުވާ ކަމަށެވެ. އިބްރާހީމް ޝާހިދު ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދިއުމަކީ، ފަނޑިޔާރުންގެ ގާނޫނާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

އިބްރާހީމް ޝާހިދު ވަޒީފާއަށް ނުކުތުން މަނާ ކުރި ދުވަސްތަކަށް މުސާރަ އާއި އިނާޔަތްތަކެއް ނުލިބޭނެ އެވެ. މުސާރާ އާއި އިނާޔަތް ނުލިބޭ ގޮތަށް އިބްރާހީމް ޝާހިދު ވަޒީފާއަށް ނުކުތުން މަނާ ކުރީ، މިދިޔަ މަހު 10 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 77 ވަނަ ބައްދަލުވުމުގައި ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.