ކޯވިޑް 19 އިން އިންޑިއާގެ ގިނަ ކަންތައްތަކެއް ޓެސްޓް ކޮށްފިއެވެ. މި ޓެސްޓްތަކުން އެންމެ ކުލަ ގަދަކޮށް ފާހަގަ ކުރެވެނީ އިންޑިއާގެ މެޑިކަލް އިންފްރާސްޓްރަކްޗގެ ހާލަތެވެ. ބައިބޯ ވެފައި، ބައެއް ހާލަތުގައި ފުޅާ ސަރަހައްދެއްގައި މީޙުން ފެތުރިފައިވާ އިރު އަދި އަނެއްބައި ހާލަތުގައި މީހުން ދުރު އެކަހެރި ހިސާބުތަކުގައި ދިރިއުޅޭ އިރު، އިންޑިއާގެ ސިއްޙީ ނިޒާމުގެ އަޖުމަ ބެލި، ކާރިސާގައި އިންޑިއާއިން އަމަލު ކޮށް ކަންކަން މެނޭޖް ކުރާ ގޮތް ދުނިޔެއަށް ފެނިގެން ހިނގައްޖެއެވެ.

ސެޕްޓެމްބަރު މަސް ނިމިގެން ދިޔައިރު އިންޑިއާއިން ވަނީ 890 މިލިއަން ޑޯޒް ވެކްސިން ޖަހާފައެވެ.

ޗައިނާ އިން ފެތުރުގެން އައި ކޯވިޑް19އާއެކު އިންޑިއާއިން ފުރާނަތަކެއްވެސް ގެއްލިގެން ދިޔައެވެ. އިގްތިސާދީ ހީނަރުކަމެއްވެސް ވެރިވިއެވެ. މީޙުންތަކެއްވެސް ބިކަ ވިއެވެ.

އިންޑިއާއިން ސަމާލުކަން ދިނީ މުޅި އާބާދީއަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާށެވެ. މިއީ މުޅި ދުނިޔޭގައި ވެސް މިހާތަނަށް މީހުންގެ ރުހުމުގައި ސަރުކާރަކުން ހިންގާފައިވާ ވެކްސިން ދިނުމުގެ އެންމެ ބޮޑު ޕްރޮގްރާމެކެވެ. އިންޑިއާއިން އާބާދީ ގިންތި ކޮށްގެން އެކި ބުރުބުރަށް ވެކްސިން ދޭނެ މީހުން ބަހާލިއެވެ. މީގެ ނަތީޖާ ފެނިގެން ދިޔައީ އާބާދީން މީހުން މަރުވާ ނިސްބަތް މަދުވެގެން ނެވެ.

މިއަހަރުގެ މޭ މަހުގެ މެދަށް އައި އިރު އިންޑިއާއިން ވަނީ އާބާދީގެ ތެރޭން ސިޓީތަކުގައި ދިރިއުޅޭ 30 އިންސައްތަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އސަދި މިނިސްބަތް ރަށްފުށުގައި އުޅުނީ 12.7 އިންސައްތައިގައެވެ. ރަށްފުށުގައި މީހުންނަށް ވެކްސިން މަގުބޫލު އެއްޗަކަށް ނުވީ ޑިޖިޓަލް ލިޓެރަސީއާ މީހުން ދުރުވުމާއި ވެކްސިންއަށް މީހުންގެ ހިތުގައި ބިރުވެރިކަމަކާއި ޝައްކެއް އޮތުމުންނެވެ.

މިއާއެކު ސަރުކާރުން ވަނީ ރަށް ފުށުގެ މީހުންނަށް ވެކްސިން ދިނުމަށް އައު ޕްރޮގްރާމެއްވެސް ފަށާފައެވެ. އިންޑިއާއިން ދުވާލެއްގެ މައްޗަށް ދިހަ މިލިއަން ވެކްސިންވެސް ދީފައި ވެއެވެ.

އިންޑިއާ ސަރުކާރުން ބުނެފައި ވަނީ އާބާދީގެ ވެކްސިން ޖަހަން ޖެހޭ އެންމެނަށް 2021 ގެ ޑިސެމްބަރާ ހަމައަށް ވެކްސިން ޖަހައި ނިންމާނެ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އެދިފައިވަނީ ކޮންްމެ ގައުމަކުންވެސް އާބާދީގެ 40 އިންސައްތައަށް އަހަރު ނިމޭއިރަށް ވެކްސިން ދިނުމަށެވެ. އަދި 2022 ނިމޭއިރު އާބާދީގެ 70އިން ސައްތައަށް ވެކްސިން ދިނުމަށެވެ.

އިންޑިއާއިން ބުނެފައި ވަނީ އެގައުމުގެ ވެކްސިން ޕްރޮގްރާމުގެ ަފާތަކާއި ނަތީޖާތައް ދާދި އަވަހަށް ޑަބްލިއުއެޗްއޯއާ ހިއްސާ ކުރާނެ ކަމަށެވެ.