މަދަނީ ބޭނުންތަކާއި އަސްކަރީ ބޭނުންތަކަށް ބޭނުން ކުރެވޭ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ޗައިނާއިން ތަރައްގީ ކުރަމުންދާތީ ތަޖުރިބާކާރުން ނުތަނަވަސްކަން ފާޅު ކުރެއެވެ. ޗައިނާއިން ވަނީ ކުރިން އެމެރިކާ ސިފައިން ކެމްބޯޑިއާގައި ބޭނުން ކުރި ކަނޑުގެ ސިފައިންގެ އަސްކަރީ މަރުކަޒު ރީމް 30 އަހަރަށް ކުއްޔަށް ނަގާފައެވެ.

ޗައިނާއިން ރީމް ތަރައްގީ ކޮށްފައި ވަނީ މަދަނީ ބޭނުންތަކާއި އަސްކަރީ ބޭނުން ތަކަށް ފުދޭ ގޮތަށެވެ.

ކެމްބޯޑިއާއަކީ ޗައިނާގެ އިގްތިސާދީ އަދި އަސްކަރީ މަދަދު ލިބިގަންނަ ގައުމެކެވެ. 1997ން ފެށިގެން ޗައިނާއަކީ ކެމްބޯޑިއާއަށް އެންމެ ގިނައިން އެހީދޭ ގައުމެވެ. އަދި އެންމެ ގިނައިން އަސްކަރީ އެހީދޭ ގައުމުވެސް މެއެވެ. ކެމްބޯޑިއާ ސިފައިން ބޭނުންކުރާ ހަތިޔާރިގެ 40 އިންސައްތައަކީ ޗައިނާ ހަތިޔާރެވެ. ކެމްބޯޑިއާގެ ފޮރިން އިންވެސްޓްމެންޓްގެ 40 އިންސައްތައަކީ ޗައިނާގެ އިންވެސްޓްމެންޓްތަކެވެ.

ރީމް ޕޯޓާ ކައިރީގައި ދިހަ ކިލޯމީޓަރު ދުރުގައި އޮންނަ ދާރާ ސަކޯރް އިންޓަރނޭޝަނަލް އެއަރޕޯޓަކީވެސް ޗައިނާގެ އިންވެސްޓްމެންޓެކެވެ. މިއީ ޗައިނާއިން 99 އަހަރަށް ނަގާފައިވާ އެއަރޕޯޓެކެވެ. މިހާރު މަސައްކަތް ނިމިފައިވާ އެއަރޕޯޓް މިއަހަރު ނިމޭއިރު އޮޕަރޭޓް ކުރަން ފަށާނެއެވެ.

ދާރާ ސަކޯރް އެއަރޕޯޓްގެ ރަންވޭއަކީ ކެމްބޯޑިއާގެ ވެރިރަށް ޕެނޯމް ޕެން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭއަށް ވުރެން ދިގު ރަންވޭއެއް އޮންނަ އެއަރޕޯޓެކެވެ. މިއީވެސް އަސްކަރީ ބޭނުންތަކާއި މަދަނީ ބޭނުންތަކަށް އުފައްދާފައިވާ އެއަރޕޯޓެއް ކަމަށް ބެލެވެއެވެ.