ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްއާ 1-1 އިން އެއްވަރުކޮށް ނޭޕާލުން، މުބާރާތުގެ ތާރިހުގައި ފުރަތަމަ ފަހަރަށް ފައިނަލުން ޖާގަ ހޯދައިފިއެވެ.

މެޗް އެއްވަރުވުމުން ނޭޕާލްއަށް ފައިނަލުން ފުރުސަތު ލިބުނީ، ލީގް އުސޫލުން ކުޅުނު މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި އެގައުމަށް ޕޮއިންޓް ތާވަލުގެ އެންމެ ދަށްވެގެން ދެވަނަ މަގާމް ނުގެއްލޭނެކަން ޔަގީން ވުމުންނެވެ. ނޭޕާލް މިވަގުތު އޮތީ 7 ޕޮއިންޓާއެކު އެއްވަނައިގައެވެ.

ފުރަތަމަ ހާފް ފަށައިގެން ނޭޕާލުން މެޗް ކޮންޓްރޯލްކޮށް ކައިރި ކައިރީގައި ދެހަމަލާއެއް ބަންގްލަދޭޝް ގޯލަށް އަމާޒުކޮށް ފޮނުވާލިއެވެ. މީގެ ތެރެއިން ނޭޕާލުން ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލުގެ މަތީ ދަނޑިއާ އިންޗިއެއްހައި ކައިރިންނެވެ. ނޭޕާލުން ރަނގަޅަށް ކުޅެމުން ދަނިކޮށް ބަންގްލަދޭޝްއިން ލީޑް ނެގީ މެޗުގެ 9 ވަނަ މިނެޓުގައި ފޯވާޑް ސުމޮން ރިޒާއެވެ. މިލަނޑަށްފަހު ލީޑް އިތުރަށް ފުޅާ ކުރާނެ ރަނުގެ ފުރުސަތެއްވެސް އޭނާއަށް ލިބުނެވެ. އެކަމަކު ނޭޕާލްގެ ކިރަން ވަނީ ހުށިޔާރު ކަމާއެކު އެހަމަލާ ދިފާއު ކޮށްފައެވެ.

ދެވަނަ ހާފުގައި ބަންގަލަދޭޝްއަށް މައްސަލަތައް ދިމާވީ މެޗް ނިމެން ފަނަރަވަރަކަށް މިނެޓަށްވެފައި ވަނިކޮށް ބަންގްލަދޭޝްގެ ކީޕަރަށް ރަތްކާޑް ދައްކާ ފޮނުވާލުމުންނެވެ. ކީޕަރަށް ރަތްކާޑް ދެއްކީ ނޭޕާލުން އުފެއްދި ހަމަލާއެއް ހުއްޓުވުމަށް އޭރިޔާގެ ބޭރުން ބޯޅައިގައި އަތްލުމުންނެވެ. އެއްކުޅުންތެރިޔަކު މަދުކޮށް ބަންގްލަދޭޝްއިން ކުޅެމުން ދަނިކޮށް ނޭޕާލުން ނަތީޖާ ހަމަހަމަ ކުރީ 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ފައިނަލުގައި ނޭޕާލާ ވާދަކުރާނެ ގައުމެއް ކަށަވަރު ވާނީ ރާއްޖެ އާއި އިންޑިޔާ މިރޭ 21:00 ގައި ބައްދަލު ކުރާ މެޗަށްފަހުއެވެ. އިންޑިޔާއަށް ފައިނަލުން ޖާގަ ލިބެން އޮތް ހަމައެކަނި ގޮތަކީ ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންނެވެ.