ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ އިތުރަށް ދައްކަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައިސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ދެކޭގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅީ މަޖިލީހުގެ ދައުރުބޮޑުކޮށް އޮންނަ ވެރިކަމުގެ ނިޒާމެއް ކަމަށެވެ.

"ދެން މި މަސައްކަތަކީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް. އެހެންމަ މި މައުޟޫގައި އަޅުގަނޑު އެއްޗެއް އިތުރަށް ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާއާ އެކަމާ ގުޅޭގޮތުން ފުރިހަމައަށް މަޝްވަރާ ކުރެވުނީމާ." ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައިސް ސޯލިހާއެކު ސިޔާސީ މަސައްކަތްކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާއާ ވާހަކަ ނުދައްކާ ހުރުމަށް ހިތުނުލާ ކަމަށާއި، ރައީސް ސޯލިހާ ވާހަކަ ނުދައްކާ ނުވެސް ހުރެވޭނެކަމަށެވެ. ސަރުކާރާދެމެދު އޭރު އޮތް އެންމެބޮޑު ހިތްހަމަ ނުތަނަވަސްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ބިލުތައް ޑްރާފްޓް ކުރެވިގެން އަންނަގޮތާމެދު އޮތް ކަމެކެވެ. އެގޮތުން ބިލުތައް ޑްރާފްޓްކުރާއިރު އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށް ޑްރާފްޓް ކުރެވޭ ބިލުތަކަކަށް އެތަކެތި ވުން މުހިންމުކަމަށާއި ފުންކޮށް ދައްކަން އޮތް ވާހަކައަކި އެއީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.