އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ވަގު ފައިސާ އިން އެންމެ ބޮޑު މަންފާއެއް ހޯއްދެވީ، ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެ ޕާޓީގެ ފިޔަވަޅު އަޅުއަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ވިދާޅުވެއްޖެއެވެ.

ޝުއައިބު މަގާމުން ދުރު ކުރީވެސް، ޕާޓީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒް ނުފުޒު ފޯރުވުމަށް ރައީސް ނަޝީދު، މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުގެ އެ މައްސަލަ ބަލައި ދިނުމަށް އެދި އެމްޑީޕީގެ ސެކްރެތަރީ ޖެނެރަލް ހަސަން ލަތީފަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ޝުއައިބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ލީޑަރުންނަަށް އެ ފައިސާއިން ވަނީ ސޮދަގާތް ކޮށްފައި ކަމަށެވެ. ގާނޫނުއަސާސި އަށް ބަދަލުގެނެސް ރާއްޖެއިން ބިން ވިއްކުމާއި، ރައީސުލް ޖުމްހުރިޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަަމަށް ކުރިމަތިލެވޭ އުމުރަށް، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުން ބަދަލު ގެނައީ ރައީސް ނަޝީދު ޔޫކޭއަށް ފޮނުވަން ސީދާ ރައީސް ނަޝީދުގެ އޯޑަރަށް ކަމަށްވެސް ޝުއައިބު ވިދާޅުވިއެވެ.

މަޖިލީހުން އެކަން ކޮށްފައިވަނީ، އޭރުގެ އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ވޯޓާވެސް އެކުގައެވެ.

ޝުއައުބު ވިދާޅުވީ ހަގީގަތުގެ މައްޗަށް ފަސް ނޭޅޭނެ ކަމަށާއި، އެކަން ނުފޮރުވޭނެ ކަމަށެވެ.