ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ތ. ކަނޑޫދޫގައި ފައްޓަވައިދެއްވައިފިއެވެ.
މިހާރު އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެރަށު ކައުންސިލުގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން އިންތިޒާމުކުރި ކާބޯތަކެތީގެ މައުރަޒުވެސް ހުޅުވައި ދެއްވާފައެވެ.
ފުޑް ސެކިއުރިޓީ ޕްރޮގްރާމް، ކަނޑޫދޫގައި އިފްތިތާޙް ކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑޫދޫގެ ތިން ދަނޑުވެރިއަކާ ގަސް ހަވާލުކޮށްދެއްވާފައެވެ. އަދި ތިމާވެއްޓާ ރައްޓެހި އޯގަނިކް ގަސްކާނާއާއި ބޭހުގެ ޕެކޭޖް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ހަވާލުކޮށްދެއްވާފައެވެ. މިއީ ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ހުރި ގޮންޖެހުންތަކަށް ޙައްލުހޯދުމުގެ ގޮތުން ކެމިކަލްގެ ބަދަލުގައި އެހެން ބާވަތްތައް ކަނޑޫދުއަށް ތަޢާރަފުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިޔަށްގެންދާ ޞިއްޙަތަށް ފައިދާހުރި ކާނާގެ ބާވަތްތައް އުފެއްދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހެދޭ އަދި ޒަމާނުއްސުރެ ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތައް އާލާކުރުމާއި، ކާނާގެ ދަތިކަމުގެ ޙާލަތެއް ދިމާވެއްޖެނަމަ، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ތިބުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ފަސޭހަކަމާއެކު ރަށުން ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.
ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ކަނޑޫދޫގެ ގޭބިސީތަކަށް ގަސްހަދިޔާކުރުމާއި ކަނޑޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އެގްރޯ ފޮރެސްޓްރީގެ އުސޫލުން ދަނޑެއް އަޅައިދިނުން މީގެ ތެރޭގައި ހިމެނެއެވެ. މި ދަނޑުގައި ބޭނުންކުރެވޭނީ ސޯލާ ހަކަތަ ބޭނުންކޮށްގެން ފެންދެވޭނެ ޒަމާނީ ފެންދޭ ނިޒާމެކެވެ. އަދި މިއާއެކު ގަސްތަކަށް ބޭނުންވާ ކާނާ ފެނާއެކު ފޯރުކޮށްދެވޭނެ ފާޓިގޭޝަން ނިޒާމެއް މި ދަނޑުގައި ހިމެނެއެވެ.
ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފައްޓަވައިދެއްވައި ފާޓިގޭޝަން ސިސްޓަމް އިފްތިތާޙް ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑޫދޫގެ މިރުސް ދަނޑަކަށް ޒިޔާރަތްކުރައްވައި ދަނޑު ބައްލަވާލައްވާފައެވެ.
ކާބޯތަކެތީގެ މައުރަޒު ހުޅުވައިދެއްވުގެ ރަސްމިއްޔާތުގެ ތެރެއިން، އެގްރޯނެޓުން ތައްޔާރުކޮށްފައިވާ ދަނޑުވެރިކަމާގުޅޭ އަތްމަތީފޮތެއް ރައީސުލްޖުމްހޫރިއްޔާވަނީ ނެރެދެއްވާފައެވެ. ކަނޑޫދޫ ކައުންސިލުން އިސްނަގައިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން މިމަހުގެ 15 އިން 16 އަށް ކަނޑޫދޫގައި ކުރިޔަށްގެންދާ ކާބޯތަކެތީގެ މައުރަޒަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ޕްރޮމޯޓްކޮށް އިސްތިހާރުކުރުމަށާއި އެއްތަނަކުން ފެންނަގޮތް ހެދުމާއި އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ތައްޔާރުކުރާ ކާނާގެ ބާވަތްތައް ދައްކާލުމުގެ ގޮތުން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގައި ތ. އަތޮޅުގެ ހަތަރު ރަށެއްގެ ސްޓޯލްތަކާއި އެގްރޯނެޓާއި ކަނޑޫދޫގެ ދެ ސްޓޯލެއް ވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަނޑޫދުއަށް ކުރައްވާ މިދަތުރުފުޅަކީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ރަސްމީ ޖަލްސާއާ އަދި މި ދެ މުނާޞަބާއާ ގުޅިގެން އެ ރަށުގައި ކުރިޔަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ ކުރިން ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ގެންދިޔަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ބަދަލުގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް 2020 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ނިންމެވިފަހުން ޤައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ޤައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.