ފާއިތުވި 24 ގަޑިއިރުތެރޭ އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވެފައިވަނީ 13 މީހުން ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫއިން ޕޮޒިޓިވްވި 12 މީހަކާއި މަރަދޫއިން ޕޮޒިޓިވްވި މީހެކެވެ. މީގެ ތެރެއިން އެކަކީ ބިދޭސީއެކެވެ. އަނެއް 12 މީހުންނަކީ ދިވެހީންނެވެ.

އައްޑޫސިޓީގެ އެކްޓިވްކޭސްގެ މިހާރުގެ ޖުމްލައަކީ 228 އެވެ. އެއީ ހިތަދޫގައި ތިބި 146 މީހަކާއި، މަރަދޫގައިތިބި 14 މީހަކާއި، މަރަދޫފޭދޫގައިތިބި 20 މީހަކާއި ފޭދޫގައިތިބި 45 މީހަކާއި ހުޅުދޫގައި ހުރި މީހަކާއި މީދޫގައި ދެ މީހެކެވެ.

އައްޑޫސިޓީން މިހާތަނަށް 1739 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 1507 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ. ބަލީގައި އައްޑޫއިން މިހާތަނަށް މަރުވެފައިވަނީ 4 މީހެކެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި 37 މީހަކުވަނީ ބަލިން ފަސޭހަވެގެން ދޫކޮށްލައިފައެވެ.