ބޭރު ގައުމުތަކަށް ހުޅުވާލައިގެން އައްޑޫގައި ރޯވިން މުބާރާތެއް ބާއްވަން ރޯވިންއެސޯސިއޭޝަނުން ތައްޔާރުވާން ފަށައިފިއެވެ. މި މުބާރާތުގައި މިހާތަނަށް ވަނީ ފަލަސްތީނާއި ޕާކިސްތާނާއި އިންޑިއާގެ ބައެއް ސްކޫލް ތަކާއި ޔުނިވަރސިޓީތަކުން ބައިވެރިވާނެކަމަށް އަންގައިފައެވެ.

އައްޑޫގައި ރޯވިން މުބާރާތަށް ތައްޔާރުވަނީ/ ފޮޓޯ ހަލި

ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ އެ ތިން ގައުމުގެ އިތުރުން ތައިލެންޑުން ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. "އިންޓަރ ސްކޫލް/ޔުނިވަރސިޓީ ކޯސްޓަލް ރޯވިން ބީޗު ސްޕްރިންޓް" ނަމުގައި ބާއްވާ މި މުބާރާތް ކުރިއަށްދާނީ އަންނަ ނޮވެމްބަރު 11 އިން 14 އަށް އައްޑޫ ސިޓީގައެވެ.

މިމުބާރާތުގައި ރާއްޖެއިން ބޭރުގެ 4 ޔުނިވަރސިޓީއަކުން ބައިވެރިވާނެއެވެ.

އައްޑޫގައި ރޯވިން މުބާރާތަށް ތައްޔާރުވަނީ/ ފޮޓޯ ހަލި

މި މުބާރާތުގައި ރާއްޖޭގެ ފަސް ސްކޫލަކުން 110 ދަރިވަރުން ނާއި ބޭރުގެ 4 ޔުނިވަރސިޓީއަކުން 30 ކުދިން ބައިވެރިވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

މި މުބާރާތުގެ ސަބަބުން ބޭރުގެ ގައުމުތަކަށް އައްޑޫ ތައާރަފްވެ އިތުރަށް މަޝްހޫރުވެގެންދިއުމުގެ ފުރުސަތު ފަހިވެގެންގޮސްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރޯވިންއެސޯސިއޭޝަންގެ ރައީސް ވިދާޅުވިއެވެ. މިއީ އައްޑޫގެ ފަތުރުވެރިކަން ދުނިޔެއަށް ފުޅާކުރުމަށް ލިބިގެންދާނޭ ފުރުސަތެއް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

އައްޑޫގައި ރޯވިން މުބާރާތަށް ތައްޔާރުވަނީ/ ފޮޓޯ ހަލި

މި މުބާރާތް އައްޑޫ ސިޓީގައި ބާއްވަނީ ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރި ކަމާއެކުގައެވެ. އޭގެ ތެރޭގައި އައްޑޫސިޓީކައުންސިލާއި، އުރީދޫ މޯލްޑިވްސްއާއި، ސޮނޭވާއި، އެސްޓީއޯއާއި، އެމްއެމްޕީއާރުސީއާއި ސަނީ އެންޓަރޕްރައިސަސްއާއި، ސިގްނޭޗަރއާއި މޯލްޑިވިއަންއާއި އެމްޑަބްލިޔުއެސްސީ ހިމެނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ ރާއްޖެ ޓީވީއާއި ހަލި ނިއުސްއެވެ.

އައްޑޫގައި ރޯވިން މުބާރާތަށް ތައްޔާރުވަނީ/ ފޮޓޯ ހަލި

ރޯވިންއަކީ ރާއްޖޭގައި ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރެކެވެ. ރާއްޖޭގެ ޓީމުތަކުންވަނީ ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި ވާދަކޮށް ފާހަގަ ކޮށްލެވޭ ރަން ވަނަތަކެއް ހާސިލްކޮށްފައެވެ.