މީހުން އުޅޭ ރަށްރަށުން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިން މިހާރަށްވުރެ ފަސޭހައިން ލިބޭނޭގޮތް ހަމަޖައްސަވައިދެއްވަން ކައުންސިލުތަކާ މަޝްވަރާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް ހުކުރުދުވަހުގެރޭ ތ. ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ދަނޑުވެރިންނަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު އެއް ދަތިކަމަކީ ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިންތައް ރަށްރަށުން ނުލިބުން ކަމަށެވެ.

މިޖަލްސާގައި ރައީސް ވަނީ ކަނޑޫދޫ ދަނޑުވެރީންނަށް ތަޢުރީފު ކުރައްވައިފައެވެ. އެގޮތުން އެމީހުންގެ ދަނޑުވެރިކަމާއި ޚާއްސަކޮށް އެރަށުގެ ދަނޑުވެރިންގެ މަސައްކަތުން ހައްދާ މިރުސް މިހާރުވަނީ މުޅި ރާއްޖެއަށް މަޝްހޫރުވެފައި ކަމަށް ވިދާޅުވިއެވެ. އެއީ އެރަށަށް ލިބޭ ފަޚުރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދަނޑުވެރިކަމުން އުފައްދާ ތަކެތި ތާޒާކަންމަތީ ބާޒާރަށް ނެރުމުގައި ހުރި ދަތިތަކާ ބެހޭގޮތުން ވެސް ރައީސް ކޮންމެވެސް ވަރަކަށް ވާހަކަފުޅު ދެއްކެވިއެވެ. ރާއްޖެފަދަ ބިންކުޑަ ޤައުމުތަކުގައި ދަނޑުވެރިކަންކުރާއިރު ޒަމާނީ ޓެކްނޮލޮޖީއާ ސައިންޓިފިކް ދިރާސާތައް ދަނޑުވެރިންނާ ހަމައަށް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ގޮންޖެހުންތައް ހުރިނަމަވެސް ރިސާޗާއި އެކަށީގެންވާ ޕްލޭނަކާ އެކު ރާއްޖޭގައިވެސް އުފެއްދިދާނެ 17 ބާވަތެއް ފާހަގަވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ އެ ބާވަތްތައް ރާއްޖެއަށް ބޭނުންވާ ވަރަށް އުފެއްދޭނެ ޕްލޭނަކާ އެކު މަސައްކަތްކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ފުރުޞަތު ފަހިކުރުމަށް ބޭރުން މި ބާވަތްތައް އެތެރެކުރުން މަދުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވެސް ވިދާޅުވިއެވެ.