ދަނޑުވެރިންނަށް މާލީ އެހީތެރިކަން ލިބޭފަދަ ގިނަ ލޯން ސްކީމް ފަދަ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ދަނޑުވެރިންނާ ހަމައަށް ފޯރުމުގައި ދަތިތަކެއް އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް ހުކުރުދުވަހުގެރޭ ތ. ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ 1.7 ޕަސެންތް ހިއްސާކުރަނީ ދަނޑުވެރިކަން ކަމަށެވެ. އެހެނަސް އެކަން ބަދަލުކުރެވޭ މިންވަރަށް ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރެވޭނެވަރުގެ މާކެޓެއް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރިޒޯޓްތަކަށް ބޭނުންވާ މޭވާއާއި ތަރުކާރީ ފަދަ ބާވަތްތައް އުފެއްދުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރެވިއްޖެނަމަ ދަނޑުވެރިކަމުން ލިބޭ އާމްދަނީ ޖީޑީޕީގައި ހިއްސާ ކުރާ މިންވަރު މިހާރަށްވުރެ މަތިކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދަނޑުވެރިކަން ކުރުމުގައި ކެމިކަލް ބޭނުންކޮށްގެން ކުރާ ދަނޑުވެރިކަމުގެ ބަދަލުގައި އޯގެނިކް ފާމިންއަށް އިސްކަން ދިނުމަށް އެމަނިކުފާނު ވަނީ ދަނޑުވެރިންނަށް އިލްތިމާސްކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ދަނޑުވެރިކަން ފުޅާކުރުމަކީ، އިގްތިސާދު ލާމަރުކަޒުކޮށް، އާއިލާގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ވެސް ވަރަށް ބޭނުންތެރިކަމެކެވެ.

މި ޖަލްސާގައި، ދަނޑުވެރިކަމަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވައި ރިޓަޔަރކުރައްވާފައިވާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މުވައްޒަފަކާއި، ކަނޑޫދުއަށް ދަނޑުވެރިކަމުގެ މަސައްކަތް ތަޢާރަފުކުރުމުގައި އިސްދައުރެއް އަދާކުރެއްވި ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފިލާ ހަވާލުކޮށްދެއްވައިފައެވެ.

ގައުމީ ދަނޑުވެރިންގެ ދުވަހަކީ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހެއެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.