ކޯވިޑް 19ގެ ފަހުން ޗައިނާއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން އެފްރިކާ ބައްރުގައި ޑިޖިޓަލް ދާއިރާގައި އިންވެސްޓްމެންޓް އިތުރު ކުރުމަށް ޗައިނާއިން ވަނީ ނިންމާފައެވެ. ޗައިނާއިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި އެފްރިކާގައި 8.43 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާނެއެވެ.

ޗައިނާއިން އިންވެސްޓް ކުރާނެ ދާއރާތަކުގެ ތެރޭގައި އީކޮމާސްއާއި މީސްމީޑިއާގެ ދާއިރާއާއި މޮބައިލްގެ ދާއިރާގައި އިންވެސްޓް ކުރުން ހިމެނެއެވެ. މިއިންވެސްޓްމެންޓްތަކަށް ޗައިނާއިން ބޭނުން ވަނީ ވާވޭ ކުންފުންޏާއި ޒެޑްޓީއީއާއި ކްލައުޑްވޯރކް ކުންފުނިތަކެވެ. މިއީ ޗައިނާ ސަރުކާރަށް މަސައްކަތް ކޮށްދޭ ކަމަށް ތުހުމަތު ކުރެވޭ ކުންފުނިތަކެވެ.

ޗައިނާއިން އެފްރިކާގައި މިއިންވެސްޓްމެންޓްތައް ހިންގަނީ ޗައިނާއިން ގެންގުޅޭ ޑިޖިޓަލް ސިލްކްރޯޑް ޕްރޮޖެކްޓްގެ ދަށުންނެވެ.

މިމަސައްކަތްތަކަށް ޗައިނާއިން ބަލަނީ އެފްރިކާގެ އެންމެ ބައިބޯ ގައުމުކަމަށްވާ ނައިޖޭރިއާއާއި އެންގޯލާއާއި ޒެމްބިއާއާއި ޒިމްބާބްވޭއާއި އިތިއޯޕިއާއެވެ.

ޗައިނާގެ އެފްރިކާގެ ޑިޖިޓަލް ސިލްކް ރޯޑް މާރެސް ހާމަކޮށްފައި ވަނީ ޗައިނާ އެފްރިކާ އިންޓަރނެޓް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ފޯރަމްގައެވެ.

ޗައިނާގެ މޯބައިލް ކުންފުނިތައް ވަނީ ގުޅިގެން ޓޫއެފްރިކާގެ ނަމުން ސެބްމެރިން ކޭބަލްއަކުން އެފްރިކާގެ 16 ގައުމާއި މެދުއިރުމައްޗާއި ޔޫރަޕް ގުޅާލުމަށްވެސް ނިންމާފައެވެ. މި ކޭބަލްގެ ދިގުމިނަކީ 37 ހާސް ކިލޯ މީޓަރެވެ.

މީގެ އިތުރުންވެސް އެފްރިކާގެ އެތައް ގައުމެއްގައި ޗައިނާއިން ސްމާޓް ސިޓީ ޕްރޮޖެކްޓްތައް ވެސް ހިންގަމުން ގެންދެއެވެ.