މެދުތެރޭ އޭޝިއާގެ ގައުމުތަކުގައި އޮޕަރޭޓް ކުރާ އިސްލާމީ ޚިޔާލުގެ ހަނގުރާމަވެރިންނަށް ތާލިބާނުން މަދަދު ލިބޭނެ ކަމަށް ޖިހާދީ ފިކުރުގެ ދިރާސާތައް ކުރާ ފަރާތްތަކުން ދެކއެވެ. ޝާމްކަރައިގައި ގިނަ އަދަދަކަށް މެދުތެރޭ އޭޝިއާގެ ހަނގުރާމަވެރިން ދަނީ ސޫރިޔާއާއި ރަޝިޔާ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

މި ހަނގުރާމަވެރިންގެ ތެރޭގައި އިސްލާމިކް މޫވްމެންޓް އޮފް އުޒުބެކިސްތާނާއި ޖުންދުލް ޚިލާފަތު ޖަމާއަތާއި ތުރުކިސްތާން އިސްލާމިކް ޕާޓީ ހިމެނެއެވެ.

ތާލިބާނުން އިއުލާން ކޮށްފައި ވަނީ އަފްޣާނިސްތާންގައި އޮޕަރޭޓް ކުރާ އިސްލާމިކް ސްޓޭޓް އޮފް ޚުރާސާނާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން އިސްލާމީ ޚިޔާލުގެ ހަނގުރާމަވެރިންނަކީ ޖިހާދަށް މަސައްކަތް ކުރާ ކަމަށް ބުނެ ހަނގުރާމަ ކުރާ މީހުންނެވެ. އަދި މިމީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނަމަ، ނުވަތަ މިމީހުންނަށް ތާލިބާނުން އެހީ ނުވާނަމަ، އެމީހުން ތާލިބާޏުން ލޭބަލް ކުރާނީ ޖިހާދާ ދެކޮޅުވެރި އަދި ޖިހާދުކުރުން ދޫކޮށްލައިފައިވާ ބައެއްގެ ގޮތުގައެވެ.

އަފްޣާނިސްތާންގައި ފުރުސަތު ފަހިވާ ހިނދު މި ޖަމާއަތްތަކުން ސުރިޔާ ދޫކޮށް އަފްޣާނިސްތާނަށް އެމީހުންގެ މަރުކަޒުތައް ބަދަލު ކުރުމަކީ ވަރަށް ގާތްކަމެއް ކަމަށް ތަޖުރިބާކާރުން ލަފާ ކުރެއެވެ.

ތާލިބާނަށް ބޭރުގެ ފިއްތުންތައް އިތުރުވުމުގެ ސަބަބުން ތާލިބާނުން ވަނީ ބޭރުގެ ހަނގުރާމަވެރިންނަށް ތާލިބާންގެ ވެރިކަމުގައި އަފްޣާނިސްތާންގައި ފުރުސތެއް ނޯންނާނެ ކަމަށް ބުނެފައެވެ. އަދި އަފްޣާނިސްތާންގެ ބިމުން އެހެން ގައުމުތަކަށް ހަމަލަ ދިނުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށްވެސް ތާލިބާނުން ވަނީ ބުނެފައެވެ.

އދގެ ސަލާމަތީ މަޖިލީހުންވެސް ވަނީ މި މޭރުމުން ގަރާރެއް ފާސްކޮށްފައެވެ.

ތާޖިކިސްތާނަކީ، ތާލިބާނުގެ އިސްލާމީ ފިކުރުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ދެކޭ ގައުމެކެވެ. ތަޖިކިސްތާނުން ބުނެފައި ވަނީ، ތާލިބާންގެ ސަރުކާރެއް ބަލައި ނުގަންނާނެ ކަމަށެވެ. އަދި ތާޖިކިސްތާންގެ އިސްލާމީ އިދާރާއިން ވަނީ ތާލިބާނުން އިސްލާމީ އުސޫލުތައް މާނަ ކުރަނީ ރަނގަޅަކަށް ނޫންކަމަށްވެސް ބުނެފައެވެ.

ތާލިބާނަކީ މާޒީގައި އިސްލާމީ ފިކުރުގެ ޖަމާއަތްތަކުގެ އެހީ ލިބިގެން އުޅުނު ޖަމާއަތެއް ކަމުން ތާލިބާނަށް ބާރުވެރިކަން ލިބުމުން އެމީހުންނަށް އެހީ ދިން އިސްލާމީ ޖަމާއަތްތައް ދޫކޮށްލުމަކީ ތާލިބާނަށް ކުރެވޭނެ ކަމެއް ނޫންކަމެއް ކަމަށްވެސް ތަޖުރިބާކާރުން ދެކެއެވެ.