ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި މިރޭ ނޭޕާލް 0-3 އިން ބަލިކޮށް 8 ވަނަ ފަހަރަށް އިންޑިޔާއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފިއެވެ.
ފުރަތަމަ ހާފް ބޯ ވާރޭގައި ކުޅެން ޖެހުނުއިރު، ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ ތިންވަނަ މިނެޓުގައި ނޭޕާލަށެވެ. އެކަމަކު ގޯލާ ދާދި ކައިރިން ފޮނުވާލި މިހަލާ އަމާޒުވީ އިންޑިޔާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
އިންޑިޔާއިން ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނެޓުގައި ކެޕްޓަން ސުނިލް ޗެތުރީ ބޮލުން ކާމިޔާބު ކުރި ލަނޑުންނެވެ. މިއީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ޗެތުރީ ކާމިޔާބު ކުރި 5 ވަނަ ލަނޑެވެ. އިންޑިޔާއިން ލީޑް ފުޅާ ކުރީ އޭގެ މިނެޓެއްފަހުން ވަންގޖަމް ކާމިޔާބު ކުރި ލަނޑުންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު އިންޑިޔާއަށް ދެލަނޑުގެ ލީޑެއް ލިބުމާއެކު މުޅި މެޗް ކޮންޓްރޯލްކޮށް ކުޅެމުންދިޔަ އިންޑިޔާއިން ތިންވަނަ ލަނޑެއް ޖެހީ 89 ވަނަ މިނެޓުގައި ސަމަދުގެ ލަނޑުންނެވެ.
މިއީ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ނޭޕާލުން ކުޅުނު ފުރަތަމަ ފަހަރެވެ. އަދި އިންޑިޔާ ކުޅުނު 13 ވަނަ ފަހަރެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގެ 16 ވަނަ މުބާރާތެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ފައިނަލުން ފުރުސަތު ގެއްލުނީ ލީގް ބުރުގެ ފަހު މެޗުގައި އިންޑިޔާ އަތުން 3-1 އިންބަލިވުމުންނެވެ.