އިންޑޮނޭޝިއާގައި ޗައިނާއިން ހިންގާ ރެއިލް ޕްރޮޖެކްޓް ހުއްޓުމަކަށް އައިސްފިއެވެ. ޗައިނާއާއި ޖަޕާނުން ބައިވެރިވި ބީލަން ޖަޕާނަށް ކާމިޔާބު ވާން އޮތް ނަމަވެސް އިންޑޮނޭޝިއާގެ ރައީސް އެ ޕްރޮޖެކްޓް ހަވާލުކުރެއްވީ ޗައިނާއާއެވެ. އިތުރު އެހެން ފަސޭހަތަކާއެކު ޗައިނާއިން ހުށަހެޅީ މި ޕްރޮޖެކްޓް ހިންގުމުން އިންޑޮނޭޝިއާ ދަރަނިވެރި ނުވާނެ ކަމަށެވެ.
ޖަކާޓާއިން ބާންޑުންއަށް މިހާރު ދަތުރު ކުރެވެނީ ތިން ގަޑިއިރަށް ވުރެން ގިނަ އިރުންނެވެ. މި ދެ ސިޓީ ދެމެދު ހައިސްޕީޑް ރޭލެއް އެޅުމުން، ދަތުރު 45 މިނެޓަށް ކުރުވެގެން ދެއެވެ.
ރައީސް ޖޯކޯ ވިޑޯޑޯގެ ސަރުކާރުން އިޢުލާން ކުރި ރޭލްވޭ ޕްރޮޖެކްޓަށް ކުރިމަތިލި ޖަޕާނުން ހުށަހަޅާފައި ވަނީ ޕްރޮޖެކްޓަށްދާ ހޭދަކަމަށްވާ 5.29 ބިލިއަން ޑޮލަރު، 40 އަހަރުގެ ތެރޭގައި ދައްކާ ގޮތަށް ސުމެއް ޕޮއިންޓް އެކެއް ޕަސެންޓްގެ އިންޓަރެސްޓްގެ ރޭޓްގައި މި ޕްރޮޖެކްޓަށް ޖަޕާނުން ފަންޑު ކުރާ ގޮތަށެވެ. މިއާއެކު ޖަޕާނުގައި ދުއްވާ ވައްތަރުގެ ހައިސްޕީޑް ރޭލް އަޅައި ދިނުމަށެވެ. އަދި ޕްރޮޖެކްޓް ޖަޕާން ކުންފުންޏަކަށް ދިނުމަށެވެ.
ޗައިނާއިން ހުށަހެޅީ، ޕްރޮޖެކްޓް ލިބުމުން ޗައިނާއިން ހައިސްޕީޑް ރޭލްގެ ޓެކްނޮލޮޖީ އިންޑޮނޭޝޮއާއަށް ދޭނެ ކަމަށެވެ. އަދި އިތުރަށް އިންޑޮނޭޝިއާ ދަރަނިވެރި ނުކުރާނެ ކަމަށެވެ. ޕްރޮޖެކްޓްގެ 75 ޕަސެންޓް ފައސާ ޗައިނާއިން ދޭނެ ކަމަށެވެ.
އިންޑޮނޭޝިއާއިން ލަފާ ކުރިގޮތަށް 5.5 ބިލިއަން ޑޮލަރުގައި ފެށި ޕްރޮޖެކްޓް ވަނީ ފަސް އަހަރުފަހުން 6.07 ބިލިއަން ޑޮލަރަށް ބޮޑުވެގެން ގޮސްފައެވެ. ޗައިނާ ރެއިލްވޭ ކޮމްޕެނީން އަލަށް މުރާޖައާ ކޮށްފައިވާ ގޮތުގައި ޕްރޮޖެކްޓަށް 7.97 ބިލިއަން ޑޮލަރު ހޭދަވާނެއެވެ.
ޕްރޮޖެކްޓްގެ 75 ޕަސެންޓް ނިމިފައިވާ އިރު ފައިސާ ހުސްވެގެން މިހާރު އިންޑޮނޭޝިއާ ސަރުކާރަށް ޖެހިފައި ވަނީ އިތުރު ފައިސާ ހޯދައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ފަހިކޮށް ދިނުމަށެވެ. މިހާރު ދާ ގޮތުން މަސައްކަތް ދަނީނަމަ، 2015ގައި ސޮއިކޮށްފައިވާ މި ޕްރޮޖެކްޓް އަންނަ އަހަރުވެސް ނިމޭނެކަމަކަށް ލަފައެއް ނުކުރެވެއެވެ.