އިއްޔެ ހިނގި ކަނޑުމަތީގެ ހާދިސާގައި މަރުވި މ. ގްރީން ޕީކު، މަރިޔަމް ނާހިދާގެ އާއިލާ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިރޭ ވިދާޅުވީ ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ މަރުގެ ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާ އެކުގައި ކަމަށެވެ.

މީގެއިތުރުން ގެއްލިގެން ހޯދަމުންދާ ނާހިދާގެ ކުޑަ ފިރިހެން ދަރިފުޅަށް ހެޔޮގޮތް މިންވަރު ކުރެއްވުން އެދި "ﷲގެ ހަޟްރަތުގައި ދުއާ ދަންނަވަން" ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ފުލުހުން އިއްޔެ ބުނީ، މާލެއިން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އޮޅުވެލި ރިސޯޓު ކައިރިން ނެގި ރާޅެއްގައި ޖެހި ތިން މީހަކު މޫދަށް ވެއްޓިފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ، މިއަދު 17:30 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހުން މިހާރު ފެނިފައިވާ ކަމަށާއި ހަތަރު އަހަރުގެ ކުއްޖަކު އަދިވެސް ފެނިފައިނުވާ ކަމަށެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ދަނީ ކުރަމުންނެވެ.

ފެނުނު މީހުންގެ ތެރެއިން އެކަކީ ހޯދަމުންދާ ހަތަރު އަހަރުގެ ކުއްޖާގެ މަންމަ މަރިޔަމް ނާހިދާއެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނުމަށް ގެންދިޔައީ ކ. ގުރައިދޫ ސިއްހީ މަރުކަޒަށެވެ. ސިއްހީ މަރުކަޒަށް ނާހިދާ ގެންދިޔައިރު ވެސް ވަނީ މަރުވެފައެވެ.