ކ. އޮޅުވެލި ރިސޯޓު ކައިރީގައި އިއްޔެ ހިނގި ހިތާމަވެރި ކަނޑުމަތީގެ ހާދިސާގައި މަރުވި މ. ގްރީން ޕީކް މަރިޔަމް ނާހިދާ (33އ.) ގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފްއިން ބުނީ ނާހިދާގެ ހަށިގަނޑު މާލެ ގެނައުމަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު މާލެ ގެނެވުނީ ހެނދުނު 7:30 ހާއިރު ކަމަށެވެ.

މާލެއިން ވ. ފުލިދޫއަށް ދަތުރު ކުރި އެ ލޯންޗަށް ޖެހި ރާޅަކާއެކު ކަނޑަށް ފުރަތަމަ ވިއްސައިގެން ދިޔައީ ނާހިދާއާއި އޭނާގެ ހަގު ދަރިފުޅެވެ. މި ހާދިސާގައި ކަނޑަށް ގެއްލުނު އުމުރުން ހަތަރު އަހަރުގެ އެ ކުޑަ ކުއްޖާ އަދިވެސް ނުފެނެއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ. އެކަމަށްޓަކައި އެމްއެންޑީއެފްއިން ރޭގައި ވަނީ އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ.

ނާހިދާ ކަނޑުން ފެނުމާ އެކު ކ. ގުރައިދޫ ސިއްޙީ މަރުކަޒަށް ފަރުވާއަށް ގެންދިޔައެވެ. ނަމަވެސް އެ މަރުކަޒަށް ގެންދިޔައިރު ވެސް ނާހިދާ ވަނީ ނިޔާވެފަައި ކަމަށް މައުލޫމާތު ލިބެއެވެ.