100 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ދެ މީހަކު ކޯޓުން ދޫކޮށްލިއިރު އަނެއް އަށް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި މިހާރު ބަންދުގައި ތިބީ، ދޭލިޔާގެ / ގއ. ދެއްވަދޫ މިދުހަތު އިބްރާހިމް، ބީޗްހެވެން / ނ. ވެލިދޫ ޖުމާން މުސްތަފާ، ސޯސަންގެ / ގއ. ކޮލަމާފުށި އިބްރާހިމް ޒައިދު ހަބީބް، ޖަނަވަރީމާގެ / ލ. ކަލައިދޫ މުހައްމަދު އަހުމަދު، ޝިއާފުރެންޑް / ހދ. މަކުނުދޫ އިބްރާހިމް ސިނާނު، ޕޮލަރިސް / ދ. ބަނޑިދު މުހައްމަދު ހުސައިން، އެމްޑީ ރަފީޤުލް އިސްލާމް އަދި ޑީއެމް މޮބިންއެވެ.

ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ދޫކޮށްލި ދެ މީހުންގެ މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.