އައްޑޫސިޓީން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު 14 މީހަކު ރަނގަޅުވެއްޖެއެވެ. އެ އެންމެން ވެސް މިއަދު ވަނީ ދޫކޮށްލައިފައި ކަމަށް އޭއީއެޗުން ވިދާޅުވިއެވެ.

މިއަދު 14 މީހުން ބަލިން ފަސޭހަވިޔަސް އިތުރު 17 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ 16 ދިވެއްސަކާއި ބިދޭސީއެކެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫ ފުލޫކުލިނިކަށް ދެއްކި 3 މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި 9 މީހަކާއި މަރަދޫގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި 3 މީހަކާއި މަރަދޫފޭދޫއިން ޕޮޒިޓިވްވި މީހަކާއި ހުޅުދޫން ޕޮޒިޓިވްވި މީހެކެވެ.

މިއަދަދުތަކާއެކު ހިތަދޫގައި ތިބި އެކްޓިވްކޭސްގެ އަދަދަކީ 167 އެވެ. މަރަދޫގައި 18 އެވެ. މަރަދޫފޭދޫގައި 20 އެވެ. ފޭދޫގައި 39 އެވެ. ހުޅުދޫގައި 2 އެވެ.

މިހާތަނަށް އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލައަކީ 1773 އެވެ. އޭގެތެރެއިން 1523 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ބަލީގައި އައްޑޫއިން މަރުވެފައިވަނީ 4 މީހެކެވެ. އައްޑޫގެ އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލައަކީ 246 އެވެ.

އައްޑޫ ސިޓީ އަދިވެސް އޮތީ މޮނިޓަރިންގައެވެ. އެހެނަސް ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގުން ފިޔަވައި އިތުރު އެއްވެސް ކަމެއް ހިފެހެއްޓިފައެއް ނުވެއެވެ. ވިޔަފާރިތައް ހުޅުވިފައެވެ. ރެސްޓޯރެންޓުތަކާއި ގާޑިއާތައް ވެސް ހުޅުވިފައެވެ. އޮފީސްތައް ވެސް ބަންދެއް ނުކުރެއެވެ. ސްކޫލްތަކަށް ކުދިން ވެސް ދެއެވެ. އެތަނުން ބައެއް ކުދިން ކޮވިޑަށް ޕޮޒިޓިވް ވެސް ވެއެވެ. މިއީ ވަރަށްބޮޑަށް ބެލެނިވެރީން ކަންބޮޑުވާ ކަމެކެވެ. އައްޑޫ މޮނިޓަރިންއިން ނެގުމަށް އައްޑޫ ސިޓީކައުންސިލުން ވެސް ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ. އެހެނަސް އެޗުޕީއަކުން އަދި އެކަމަށް ހުއްދައެއް ނުދެއްވައެވެ.