މަތީ ސާނަވީ ނިންމާ އިމްތިޙާންތަކުން ރާއްޖޭގެ ފެންވަރުގައި އެންމެ ރަނގަޅު 10 ނަތީޖާ ހޯދާ ދަރިވަރުންނާއި ދުނިޔޭގެ ފެންވަރުގައި އެންމެ ރަގަޅު 10 ނަތީޖާގައި ހިމެނޭ ދަރިވަރުންނަށް އިނާމު ދިނުމުގެ ޙަފްލާ މިރޭ ތާޖުއްދީން ސުކޫލުގައި ބާއްވައިފިއެވެ. މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރަޢިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހާއްމަދު ޞާލިހުގެ ދެކަނބަލުންނެވެ.

2019 ވަނަ އަހަރު 49 ސުކޫލަކުން 1715 ދަރިވަރަކު ވަނީ މަތީ ޘާނަވީ ނިންމި އިމްތިޙާންތަކުގައި ބައިވެރިވެފައެވެ. މިފަހަރުގެ މަތީ އަރުތަވެރިންގެ ތެރޭގައި 20 ސުކޫލަކުން ޖުމްލަ 219 ދަރިވަރަކު ހިމެނިފައިވެއެވެ. އެއީ އަތޮޅުތަކުގެ ސްކޫލްތަކުން 43 ދަރިވަރަކާއި މާލޭގެ ސުކޫލްތަކުން 179 ދަރިވަރުންނެވެ. މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ 139 އަންހެން ދަރިވަރުންނާއި 77 ފިރިހެން ދަރިވަރުންނެވެ. 2019 ވަނަ އަހަރު 5 މާއްދާއިން A* ހޯދައިގެން 5 ދަރިވަރަކު ވަނީ 1 ވަނަ ހޯދާފައެވެ. އަދި 4 ދަރިވަރަކު ވަނީ 5 މާއްދާއިން A ފާސް ޙާސިލްކޮށްފައެވެ. މީގެ އިތުރުންވެސް، 2019 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާންތަކުން އިންޓަރނޭޝަނަލް އެޑްވާންސްޑް ލެވެލްއިން 4 އޭ ސްޓަރ ހޯދައިގެން ގްރޭޑް އެވޯރޑް ހޯދި 1 ދަރިވަރަކާއި 3 އޭ ސްޓަރ ހޯދައިގެން ގްރޭޑް އެވޯޑް ހޯދި 9 ދަރިވަރުންނަށް އެޑެކްސެލް އިން ދެއްވާ ސެޓްފިކެޓް އާއި މެޑަލް، އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދޭ ހަދާނީލިޔުންވެސް މި ޙަފްލާގައި ދެވުނެވެ.

މަތީ ޘާނަވީ ނިންމާ ބައިނަލްއަޤުވާމީ އިމްތިޙާންތަކުން ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް ފުރަތަމަފަހަރަށް މަތީ އަރުތަވެރިންނަށް އިނާމު ދޭ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މިއަހަރު، 2 މާއްދާއިން ދުނިޔޭގެ 1 ވަނަ ހޯދުމުގެ ޝަރަފު ދިވެހި 6 ދަރިވަރަކު ހާސިލުކޮށްފައިވެއެވެ. 2019 ވަނަ އަހަރު، މުޅި ދުނިޔެއިން އެކައުންޓިންގ އިން ސައްތައިން ސައްތަ ފުރިހަމަ ނަތީޖާއާއެކު ދިވެހި 4 ދަރިވަރަކު 1 ވަނަ ޙާސިލުކޮށްފައިވެއެވެ. އަދި 2 ދަރިވަރަކު ބިޒިނަސް ސްޓަޑީޒް އިން މުޅިދުނިޔެއިން އެއްވަނަހޯދާފައިވެއެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ދިވެހި 28 ދަރިވަރަކުވަނީ އެކިއެކި މާއްދާތަކުން ދުނިޔޭގެ އެންމެ ރަނގަޅު 10 ނަތީޖާ ޙާޞިލްކޮށްފައެވެ.

2019 ވަނަ އަހަރުގެ މަތީ އަރުތަވެރިންގެ ތެރެއިން ގަދަ 10 ގެ 2 ވަނަ އާއި 3 ވަނަ ޙާޞިލް ކުރި ދަރިވަރުންނަށް ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަޙުމަދެވެ. އަދި ދުނިޔޭގެ ފެންވަރުގައި ވަކަވަކި މާއްދާ ތަކުން 2 ވަނަ އިން 10 ވަނަ ޙާޞިލުކުރި ދަރިވަރުންނަށް އެޑެކްސަލްއިން ދޭ މެޑަލްއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންދޭ ޓްރޮފީއާއި ހަނަދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މި ޙަފްލާ ތާޖުއްދީން ސުކޫލުގައި ބޭއްވިއިރު މުޅި ޖަލްސާ ކުރިއަށް ގެންގޮސްދީފައިވަނީ ތާޖުއްދީން ސުކޫލުގެ ދަރިވަރުންނެވެ. ޙަފްލާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނި ތާޖުއްދީން ސުކޫލުގެ ދަރިވަރުންގެ ފަރިހަރަކާތްތަކުންނެވެ. މިފަހަރުގެ މަތީ އަރުތަވެރިންގެ ތެރޭގައި 216 ދަރިވަރުން ހިމެނުނު ނަމަވެސް ހަފްލާގައި ބައިވެރިވެފައިވަނީ 147 ދަރިވަރެކެވެ. ގިނަ އަދެއްގެ ދަރިވަރުންނަށް ހަފްލާގައި ބައިވެރި ނުވެނުނު ސަބަބުތަކުގެތެރޭގައި ރާއްޖެއިން ބޭރުގައި ކިޔަވަން ތިބުންހިމެނެއެވެ. އަދި ހަފްލާ ބޭއްވުން ލަސްވުންވެސް ހިމެނެއެވެ. 2019

ވަނަ އަހަރުގެ މަތީ އަރުތަވެރިންނަށް އިނާމު ދިނުމުގެ ޙަފަލާއަކީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފަސްކުރެވިފައިވާ ޙަފްލާއެކެވެ. ކޯވިޑް-19 ގެ ބަލި މަޑުކަން ކުރިމަތި ވުމާއި ގުޅިގެން މި ހަފްލާ އޮންލައިންކޮށް ބޭއްވުމުގެ މަސައްކަތްތަކެއްވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ކޮށްފައެވެ. ނަމަވެސް ދަރިވަރުންގެ އެދުމާއެކު ބަލިމަޑުކަމުގެ ޙާލަތު ރަގަޅުވުމުން ޙަފްލާ ބޭއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި ޙަފްލާ ފަސްކުރިއެވެ.