ސަރުކާރު އޮތީ ކުދިންގެ ވިސްނުން އަމާޒުކުރި ކޮންމެ މިސްރާބަކަށް އެ ކުދިން ގެންގޮސްދޭން ތައްޔާރަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ އެކުދިންނަށް މިހާރު އާދެވިފައި ހަޔާތުގެ ވަރަށް މުހިންމު ހިސާބަކަށް ކަމަށެވެ. މަތީ ސާނަވީ ނިންމައި މަތީ ތަޢުލީމަށް ކުރިމަތިލާއިރު، އެ ފެށެނީ، ޤައުމު އާރާސްތު ކުރުމުގެ މަސައްކަތަށް ދަރިވަރުންގެ ވިސްނުން އަމާޒު ކުރަންވީ މަރުޙަލާ ކަމަށް ރައީސް ވިދާޅުވިއެވެ. "މިހާރު ތިޔަކުދިންގެ ވިސްނުން ހުންނާނީ، ކުރިމަގު ބައްޓަންކުރާނެ ދާއިރާއަކާމެދުގައިކަން އަޅުގަނޑަށް ޔަޤީން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ޑޮކްޓަރުންނަށް ވާން ބޭނުންވާ ކުދިންނާއި، އިންޖިނޭރުންނަށް ވާން ބޭނުންވާ ކުދިންނާއި ޓީޗަރުންގެ ގޮތުގައި ނުވަތަ ނަރުހުންގެ ގޮތުގައި ކުރިއަށްދާން ބޭނުންވާ ކުދީންނާއި އެނޫން ކިތަންމެ ރޮނގަކުން ވިސްނުން ހިންގާނެ ކިތަންމެ ކުދިންނެއް އޭގެތެރޭގައި ހިމެނޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުން މިހާރުވަނީ ރާއްޖޭގައި ހުރެގެންވިޔަސް، ރާއްޖެއިން ބޭރުންވިޔަސް، އެ ކުއްޖަކު ބޭނުން ދާއިރާއަކުން މަތީ ތަޢުލީމް ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް، ތިޔަކުދިން މިއަދު ވިސްނަންވީ، ތިޔަ ވަދެވެނީ ވަރަށް އިލްމީ ޒަމާނެއްގެ ތެރެއަށްކަން. ތިޔަ ވަދެވެނީ އިލްމީ ހޯދުންތަކުން ގައުމުތައް ތަރައްގީކޮށް ކުރިއެރުވުމަށް، މުޅި ދުނިޔެ އަމާޒު ހިފާފައިވާ ޒަމާނެއްގެ ތެރެއަށް. މިއީ ސައެންސާއި ޓެކްނޮލޮޖީގެ އެހީގައި، އީޖާދީ ވިސްނުންތަކުން ގައުމުތައް ކުރިއަރައިދާ ޒަމާން،" ރައީސް ވިދާޅުވިއެވެ.

"އެކާވީސް ވަނަ ސައްތައިގެ ތައުލީމުގެ އަމާޒަކީ، އިގްތިސާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން މުޖުތަމައށް އަންނަމުންދާ ހަލުވި ބަދަލުތަކާއި ކުރިއެރުންތަކަށް އިޖާބަދެވޭފަދަ ދަރިންތަކެއް އުފެއްދުން. އެކާވީސްވަނަ ސައްތައިގެ ތައުލީމު އަމާޒު ހިފާފައިވަނީ، ތިޔަކުދިންގެ ހަޔާތުގައި މިހާތަނަށް ނުއުފަންނަ ވަޒީފާތަކަކަށް ތިޔަކުދިން ތައްޔާރުކޮށްދިނުމަށް" ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޓެކްނޮލޮޖީގެ ޒަމާނުގައި، ވަޒީފާއަކީ ވަކި ތަނަކުން ވަކި މީހަކު ދޭ އެއްޗެއް ނޫނެވެ. އެއީ އެމީހާ އަމިއްލައަށް އުފަންކުރުވާ އެއްޗެއް ކަމަށް ވެސް ވިދާޅުވިއެވެ. މުސާރައަކީވެސް ވަކި މިންވަރެއް ކަނޑައެޅިފައި އޮންނަ އެއްޗެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެ ވެސް އޮންނަނީ އެމީހެއްގެ އުފެއްދުންތެރިކަމަށް ބިނާކޮށް، އެމީހަކު އަމިއްލައަށް ކަނޑައަޅާ އެއްޗެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެފަދަ މީހަކަށް ވެވޭނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އާ އުފެއްދުންތައް ނެރެވޭފަދަ އީޖާދީ ވިސްނުންތައް ސިކުނޑީގައި އުފަންކުރުމުގެ ޤާބިލުކަން ހޯދައިގެން.،" ރައީސް ވިދާޅުވިއެވެ.

މިއަދު ފެންނަމުން ދަނީ، ތައުލީމީ މަރުހަލާތައް ނިންމައިލުމަށްފަހު، ވަޒީފާގެ ފަހަތުން ދުވާ ޒުވާނުން ކަމަށާއި އެހެންވަނީ ވަކި ވަޒީފާއަކަށް އަމާޒުކޮށް، ހަމައެކަނި ސެޓްފިކެޓެއް ޙާޞިލުކުރުމަށްޓަކައި، ތައުލީމީ ހަޔާތުގެ ދުވަސްތައް ހޭދަކޮށްލެވޭތީ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ، އައު އުފެއްދުންތައް އީޖާދުކުރާނެ ވިސްނުން ސިކުނޑީގައި ތަރައްގީ ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ތިޔަކުދިން ގަދައަޅައި މަސައްކަތް ކުރަންވީ، ވަޒީފާތަކާއި، މުސާރައިގެ ފުރުސަތުތައް، ތިޔަކުދިންގެ ފަހަތުން އަންނަފަދަ ބަޔަކަށްވުމަށް. ވަކި ވަޒީފާއަކަށް ވިސްނުން ބެހެއްޓުމުގެ ބަދަލުގައި، ތިޔަކުދިންގެ ވިސްނުން އަމާޒުކުރަންވީ، އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރާއި، ފަންނުވެރިކަމުގެ ދާއިރާއިން، އީޖާދީ ވިސްނުންތައް ތަރައްގީ ކުރުމަށް،" ރައީސް ވިދާޅުވިއެވެ. އެކާވީސް ވަނަ ސައްތައިގެ އުފެއްދުންތެރި ޒުވާނުން ބިނާވާނީ އޭރުން ކަމަށާއި އެފަދަ ޒުވާނުން ގައުމު ހިންގުމާ ހަވާލުވާނީ، ވަކި ތައްގަނޑަކަށް ގައުމުގެ ކުރިމަގު ފެއްތުމުގެ ބަދަލުގައި، ޒަމާނީ ތަރައްގީއާ ފައިހަމަވާގޮތަށް، ޤައުމީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.