ބެލެނިވެރިން މަސައްކަތް ކުރައްވަންވީ، ދަރިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން އިތުރަށް ތަރައްގީ ކުރުމަށް ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ބެލެނިވެރީން އެ މަސައްކަތް ފަށްޓަވަންވީ، އެކުދިންގެ އެންމެ ތުއްތު ދުވަސްވަރުން ފެށިގެން ކަމަށެވެ.

2019 ވަނަ އަހަރުގެ މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ރޭ ތާޖުއްދީން ސްކޫލުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކުދިންނަށް އެންމެ ރަނގަޅު ތައުލީމެއްދީ، ރިވެތި އަޚްލާގީ ސިފަތަކުން ޒީނަތްތެރި ކުރުމަށްޓަކައި ބެލެނިވެރިން ކުރައްވާ މަސައްކަތްތަކުގައި، އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވަނީ މުދައްރިސުންނާއި، ތައުލީމީ ދާއިރާގެ ފަންނުވެރިން ކަމަށެވެ.

"މުދައްރިސުން އެ ކުރައްވާ މަސައްކަތް، ސްކޫލާ ހަމައިން ނިމިގެންނެއް ނުދޭ. ކުރިއަށް އޮތް ދުވަހަށް ފިލާވަޅުތައް ތައްޔާރު ކުރެއްވުމާއި، ޓީޗިންގ އެއިޑްސް ތައްޔާރު ކުރެއްވުމަށް، ގޭގައިވެސް މުދައްރިސުން އެތައް މަސައްކަތްތަކެއް ކުރައްވާ. ވަށައިޖެހޭ ތައުލީމީ ނިޒާމެއްގައި، ކުޅިވަރު ދަނޑުތަކާއި، އެނޫން ކިތަންމެ ތަނެއްގައިވެސް މުދައްރިސުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ،" ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާގައި 6498 ދާއިމީ ދިވެހި މުދައްރިސުން މަސައްކަތް ކުރައްވާކަމަށެވެ. ރާއްޖެއިން ބޭރުގެ 1730 މުދައްރިސުންނާއި، 891 ވަގުތީ މުދައްރިސުންނާއެކު، ޖުމްލަ 9119 މުދައްރިސުން މިހާރު ރާއްޖޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޢަދަދުތަކަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ ޢަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ، ތައުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތައުލީމީ މަންހަޖު ތަރައްގީ ކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ، ކުރިމަގުގެ ޖީލަކީ، އިލްމީ ގޮތުންނާއި، ވިސްނުމުގެ ގޮތުންނާއި، ފަންނީ ގޮތުން، ބޭނުންވާފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހުރި މިފަދަ މައްސަލަތަކާމެދު ޢިލްމީ ދިރާސާތަކެއް އެބަ ހަދަންޖެހޭ. ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ސާފުކޮށް އެނގޭނީ، އިލްމީ ގޮތެއްގައި އެކަންކަން ހޯދައި ބަލައިގެން،" ރައީސް ވިދާޅުވިއެވެ.