ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ކަންތައްތައް މިހާރުހުރި ގޮތާބެހޭ އިލްމީ ދިރާސާއެއް ވަރަށް އަވަހަށް ކުރެއްވުމަށް ގަސްތު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ދިވެހިންގެ ހިއްސާ އިތުރުކުރުމަކީ، އިސްލާމީ ސައްހަ ޢަގާދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް، އެކަކު އަނެކަކަށް އަޅައިލާ އޯގާތެރިކަމާއި އެކުވެރިކަމާއެކު ދިރިއުޅޭ ރައްޔިތެއް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހި ޤައުމިއްޔަތާއި ދިވެހިބަހާއި ރާއްޖޭގެ ސަގާފަތަށް ކުދިންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައިވެސް ވަރަށް ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުންމީދަކީ، 21 ވަނަ ސައްތައިގެ ގޮންޖެހުންތަކާ ކުރިމަތިލެވޭފަދަ ތައުލީމީ ޒުވާން ޖީލެއް އުފެއްދުމަށް މިކުރާ މަސައްކަތުގައި، ލޮބުވެތި ބެލެނިވެރިންގެ ފަރާތުން މިހާރަށްވުރެ ފުރިހަމަ އެއްބާރުލުމެއް ލިބިގެންދިޔުން. އަދި މިކަމުގައި އަޅުގަނޑުމެންނަށް ފުރިހަމަ ކާމިޔާބާއި ކުރިއެރުން ދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.