އައްޑޫ ހައި ސުކޫލަކީ މަތީ ޘާނަވީ ތަޢުލީމަށް ޚާއްސަ ކުރެވިގެން ރާއްޖޭގައި ހިންގާ 3 ސުކޫލުގެ ތެރެއިން އަތޮޅު ތެރޭގައި ހިންގާ ހަމައެކަނި ސުކޫލެވެ. މަތީ ޘާނަވީއަށް ޚާއްސަ އަނެއް 2 ސުކޫލަކީ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނާއި ވިލާ ހައި އިންޓަނޭޝަނަލް ސުކޫލެވެ.
2019 ވަނަ އަހަރު އެޑެކްސެލް އިންޓަނޭޝަނަލް އެގްޒަމިނޭޝަންސްގައި ރާއްޖޭ ދަރިވަރުން ބައިވެރިވި މާއްދާ ތަކުގެ ތެރެއިން އެކައުންޓިންގ އަދި ބިޒްނަސް ސްޓަޑީޒް އިން ވަނީ ރާއްޖޭގެ 6 ދަރިވަރަކު ދުނިޔެއިން 1 ވަނަ ހޯދާފައެވެ. މި ދަރިވަރުންގެ ތެރެއިން 4 ދަރިވަރަކު އެކައުންޓިން އިން ދުނިޔެއިން 1 ވަނަ ހޯދި އިރު 2 ދަރިވަރުންނަކީ އައްޑޫ ހައި ސުކޫލު ދަރިވަރުންނެވެ. އަދި ބިޒްނަސް ސްޓަޑީޒް އިން 2 ދަރިވަރުން ދުނިޔެއިން 1 ވަނަ ހޯދި އިރު 1 ދަރިވަރަކީ އައްޑޫ ހައި ސްކޫލުގެ ދަރިވަރެކެވެ.
2019 ވަނަ އަހަރު މަތި ޘާނަވި ނިންމާ އިމްތިޙާންތަކުން ވަކިވަކި މާއްދާތަކުން ރާއްޖެއިން އެންމެ ރަގަޅު ނަތީޖާ ހޯދައިފައިވަނީ 10 ދަރިވަރުންނެވެ. މި ދަރިވަރުންގެ ތެރޭގައިވެސް އައްޑު ހައި ސުކޫލުގެ 3 ދަރިވަރަކު ހިމެނެއެވެ. ރާއްޖޭގައި މަތީ ޘާނަވީ މަރުހަލާގެ ތައުލީމު ފޯރުކޮށްދޭ ސުކޫލުތަކުގެ އާބާދީ ވަރަށް ތަފާތެވެ. ސްކޫލު ތަފާސް ހިސާބު 2019 (މިނިސްޓްރީ އޮފް އެޑިޔުކޭޝަން) ގައިވާ ގޮތުންނަމަ 2019 ވަނަ ސީއެޗްއެސްސީގެ ގުރޭޑު 12 ގައި 550 ދަރިވަރުން ކިޔެވިއިރު އަޙުމަދިއްޔާ އިންޓާރނޭޝަނަލް ސުކޫލުގެ ގުރޭޑު 12ގައި 269 ދަރިވަރުން ކިޔެވިއެވެ. އަދި ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުގެ ގުރޭޑު 12 ގައި 269 ދަރިވަރުން ކިޔަވާފައިވެއެވެ. އައްޑު ހައި ސުކޫލުގެ ގުރޭޑު 12ގައި ކިޔަވައިފައިވަނީ 169 ދަރިވަރުންނެވެ. މީގެ އިތުރުން މާލޭ ސަރަޙައްދުގެ ސުކޫލުތަކުގައި މަތީ ޘާނަވީއަށް ވޮކޭޝަން އެޑިޔުކޭޝަން ތަޢުލީމު ފުރުޞަތެއް ނޯވެއެވެ. ނަމަވެސް އައްޑޫ ހައި ސުކޫލަކީ މަތީ ޘާނަވީ މަރުޙަލާގައި ބީޓެކް ކޯސްތަކަށް ފުރުޞަތު ފޯރުކޮށްދޭ ސުކޫލެކެވެ. އައްޑު ހައި ސުކޫލުގެ ޕްރިންސިޕަލް އަލްފާޟިލް އިބްރާހިމް ނަދީމު ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު އެ ސުކޫލުގައި ދިރާސީ (އެކަޑެމިކް) ރޮގުން ކިޔަވައި ޘާނަވީ ނިންމާ އިމްތިޙާންތަކުގައި އިށީދެފައިވަނީ 107 ދަރިވަރުންނެވެ.
މަތީ ޘާނަވީއަށް ކިޔަވައި ދޭ މާލޭ ސަރަޙައްދުގެ ސުކޫލުތަކަށް ވަދެވެނީ "މެރިޓް ބޭސިސް" އިންނެވެ. މިހެންކަމުން މާލޭގައި ހިންގާ މަތީ ޘާނަވީ ސުކޫލުތަކުން ޖާގަ ލިބޭ ގިނަ ދަރިވަރުންނަކީ ޘާނަވި ނިންމާ އިމްތިޙާންތަކުން ޤައުމީ ގަދަ 10 އެއްގައި ހިމެނޭ ދަރިވަރުންނެވެ. އައްޑޫ ހައި ސްކޫލަށް ވަންނަން އެދޭ ދަރިވަރުން ޘާނަވީ ނިންމާ އިމްތިޙާނުތަކުން އިސްލާމް ނުވަތަ ދިވެހި މާއްދާގެ ތެރެއިން ކޮންމެވެސް އެއް މާއްދާ އަކުން "ސީ" ފާސް ލިބުމުގެ އިތުރުން އިތުރު 3 މާއްދާއިން ދައްވެގެން "ސ" ފާސް ލިބުމުން އެ ސުކޫލަށް ވައްދައެވެ.
2019 ވަނަ އަހަރުގެ މަތީ އަރުތަވެރިންގެ ތެރޭގައި އައްޑޫ ހައި ސުކޫލުގެ 20 ދަރިވަރަކު (ދިރާސީ ރޮގުން ކިޔެވި) ވަނީ ހިމެނިފައެވެ. ބީޓެކް އެޑްވާންސް ޑިޕްލޮމާ ޑިސްޓިންކްޝަން ސްޓާ ހޯދައިގެން ޤައުމީ ގަދަ 10 ގެ 5 ވަނަ ދަރަޖާގައި ހިމެނިފައި ވާ ހަމައެކަނި ދަރިވަރަކީވެސް އައްޑޫ ހައި ސުކޫލުން ދަސްވެނިވި ދަރިވަރެކެވެ.
މާލޭގައި ޘާނަވީ އަދި މަތީ ޘާނަވީގައި ކިޔަވާ ގިނަ ދަރިވަރުންނަކީ ވަރަށް ގިނަ މާއްދާތަކުން ބެލެނިވެރިން ބޮޑު ހޭދަކޮށްގެން ޓިއުޝަންދޭ ދަރިވަރުންނެވެ. ނަމަވެސް އޮތޮޅުތެރޭގެ ބައެއް ރަށްރަށަކީ ސުކޫލު ޓީޗަރުން ޓިއުޝަން ދިނުން މަނާ ރަށްރަށެވެ. އައްޑޫ ހައި ސުކޫލުގެ ޕްރިންސިޕަލް ވިދާޅުވި ގޮތުގައި އައްޑޫގައި މަތީ ޘާނަވީއަށް ކިޔަވާ ދަރިވަރުންނަށް ޓިއުޝަންގެ ފުރުޞަތު ވަރަށްވެސް ހަންޏެވެ. ސަބަބަކީ އައްޑޫގައި އެއްވެސް ދަރިވަރަކަށް ކިޔަވައިދޭ ޓީޗަރަކު އެ ދަރިވަރަކަށް ޓިއުޝަން ނަގައި ދިނުން މަނަލެވެ. އައްޑޫ ސިޓީގައި ގުޅިފައިވާ ރަށްރަށުގައި މަތީ ޘަނަވީއަށް ކިޔަވައިދޭ ހަމައެކަނި ސުކޫލަކީ އައްޑޫ ހައި ސުކޫލެވެ. މިހެންކަމުން އައްޑޫގައި މަތީ ޘާނަވީއަށް ކިޔަވާ ދަރިވަރުންގެ ނަތީޖާ މާލެއާއި ޚިލާފަށް ސުކޫލަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ.
އައްޑޫ ހައި ސުކޫލުގެ ޕްރިންސިޕަލް ވިދާޅުވި ގޮތުގައި އެ ސުކޫލުގެ ދަރިވަރުންގެ ކާމިޔާބީގެ ފަހަތުގައި ވަނީ ޓީޗަރުންގެ އިޚުލާޞްތެރި ބުރަ މަސައްކަތާއި ބެލެނިވެރިން ސުކޫލާއި މެދު އޮންނަ އިތުބާރެވެ. އަދި ދަރިވަރުން އުނގެނުމަށްދޭ އަހަންމިޔަތުކަމާއި ހިތްވަރާއި މިންނަތެވެ.