ނިއުޒީލެންޑްގެ ބޮޑުވަޒީރު ޔަސިންދާ އަރްދާން، އައު ސަރުކާރެއް އެކުލަވާލަން ގްރީން ޕާޓީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއި ކުރައްވައިފިއެވެ.

މިމަހުގެ ކުރީކޮޅު ނިއުޒީލެންޑްގައި ބޭއްވި އާންމު އިންތިޚާބުގައި ބޮޑުވަޒީރު ޔަސިންދާ އަރްދާންގެ ލޭބަރ ޕާޓީއަށް ވަނީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ލިބިފައެވެ.

މިއީ، ނިއުޒީލެންޑްގައި ވޭތުވެދިޔަ ބައި ގަރުނުގެ ތެރޭގައިވެސް އެއް ޕާޓީއަކަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ލިބުނު ފުރަތަމަ ފަހަރެވެ.

ލޭބަރ ޕާޓީން އެކަނި ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އޮތް ނަމަވެސް، ބޮޑުވަޒީރު ޔަސިންދާ ބޭނުންފުޅުވީ ގްރީން ޕާޓީއާއެކު ކޯލިޝަން ހައްދަވާށެވެ. ކޯލިޝަނަކުން ވެރިކަން ކުރުމަކީ ނިއުޒީލެންޑްގައި އާދަކާދައެއްގެމަތިން ކުރާ ކަމެކެވެ.

ގްރީން ޕާޓީއަކީ އިންތިޚާބުގެ ކުރިންވެސް ވެރިކަން ކުރަމުން އައި ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. ކުރިން ވެރިކަން ކުރަމުންއައީ، ބޮޑުވަޒީރުގެ ލޭބަރ ޕާޓީއާއި، ގްރީން ޕާޓީއާއި، ނިއުޒީލެންޑް ފަރސްޓް ނަމަކަށްކިޔާ ޕާޓީ ހިމެނޭ ކޯލިޝަނަކުންނެވެ.

އައު ސަރުކާރު އެކުލަވާލަން ގްރީން ޕާޓީއާއެކު ލޭބަރ ޕާޓީން ހެދި ކޯލިޝަންގެ ސަބަބުން ސަރުކާރުގެ ކެބިނެޓުގެ 2 މަގާމު ގްރީން ޕާޓީއަށް ލިބޭނެއެވެ.

ހަމައެއާއެކު، ކޯލިޝަން ޕާޓްނަރަށް ގިނަ މިނިވަންކަން ލިބޭ ނުކުތާތަކެއްވެސް އެއްބަސްވުމުގައި ހިމަނާފައި ވެއެވެ.

އެގޮތުން، ގްރީން ޕާޓީއާ ހަވާލުކުރާ ސަރުކާރުގެ ދެ ވުޒާރާއާގުޅޭ ކަންކަމުގައި ސަރުކާރަށް އެ ޕާޓީގެ ތާއީދުދޭން އެއްބަސްވުމުގައި ހިމަނާފައިވާއިރު، އެހެން ކަންކަމުގައި ގްރީން ޕާޓީއަށް ފެންނަގޮތަކަށް ކަންކަން ކުރުމުގެ މިނިވަންކަން ދީފައިވެއެވެ.

ގްރީން ޕާޓީއާ ހަވާލުކުރާ ދެ ވުޒާރާއާ ގުޅޭ ކަންކަން ފިޔަވައި، އެހެން ކަންކަމުގައި ސަރުކާރާ ދެކޮޅު ސްޓޭންޑެއް ނެގުމުގެ މިނިވަންކަން އެ ޕާޓީއަށް ލިބިދީފައި ވެއެވެ.

ބޮޑުވަޒީރު ޔަސިންދާ އަރްދާން ވިދާޅުވީ، އައު ސަރުކާރު ހޯމަދުވަހު އިއުލާން ކުރައްވާނޭ ކަމަށެވެ.