ކޮވިޑް-19 ގެ ކޭސްތައް ދެން އިތުރުވެދާނެ ކަމަށް ނުބެލެވޭ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކުރިއާ އަޅާބަލާއިރު މިހާރު ކޮވިޑް ކޭސް ލޯޑް އުޅެނީ ދަށްކޮށް ކަމަށާއި ނަަމަވެސް އަދިވެސް އަތޮޅުތެރޭގައި ކޮވިޑްގެ ހާލަތު ހަމަޔަކަށް އެޅިފައިވާ ކަމަށް ދެންނެވެން ނެތް ކަމަށެވެ.
ކޮވިޑްގެ ހާލަތު މިހާރު ހުރި ގޮތުން އިތުރު ލުއިތަކެއް އަދި ދެވެން ނެތް ކަމަށާއި އެ ކަންކަމަކީ ކޮންމެ ހަފްތާއެއްގެ އެޕިޑެމިއޮލިޖިކަލް އިންޑިކޭޓާސްއަށް ބަލާފައި ނިންމާ ކަންތައްތަކެއް ކަމަށްވެސް އަފްޒަލް ވިދާޅުވި އެވެ. އެގޮތުން ލުއިތަކުގެ ވާހަކަ ނުދައްކަނީ ވެސް އިތުރު ލުއިތަކެއް ދެވޭވަރު ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ކޮވިޑްގެ އާ ޕީކެއް އަތުވެދާނެ ކަމަށް ބެލެވޭތޯ ސުވާލުކުރުމުން އަފްޒަލް ވިދާޅުވީ ޕީކެއް އަންނާނެ ކަމަށް ބަލަނީ އަބަދުވެސް ފެންނަ ނަމްބަރުތަކުގެ ޓްރެންޑަށް ބަލާފައި ކަމަށާއި އެގޮތުން ކޮވިޑް ކޭސްތައް އާދަޔާ ހިލާފަށް އިތުރުވެދާނެ ކަމުގެ އަލާމާތެއް ޓްރެންޑަކުން މިހާތަނަށް ނުދައްކާ ކަމަށެވެ.