ދިވެހި ފުލުހުންގެ ހިދުމަތް ހިންގާނީ ހޯމް މިނިސްޓްރީގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރަސްމީކޮށް ހާމަކޮށްފި އެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި އައު ޤާނޫނު އަސާސީއާއެކު ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދަވައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"އަކީ، މިދިޔަ އަހަރު އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް" ކަމުގައި އެ ޤާނޫނުގައި ބަޔާންކުރާ ކަމަށެވެ.
އެގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދިޔަ "މޯލްޑިވްސް ޕޮލިސް ސަރވިސް"އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައި އޮތް އޮތުން، މިއަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ނިމުމަކަށް ގެންނަވާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މިދިޔަ އަހަރު ޢަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތަށް" ޒިންމާވާނެ ވަޒީރަކީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގައި މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލައި، އަދި ފުލުހުންގެ ޚިދުމަތް ހިނގަމުންދަނީ އެޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓަރ އޮފް ހޯމް އެފެއާޒު އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސެވުމުގެ ކަންކަން، މާރިޗު 27 އިން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވާފައިވާ ކަމުގައި ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.