ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދެންމެ ބުނީ 06 މޭ ގައި ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ މައްސަލާގައި އިތުރު ބައެއްގެ މައްޗަށް ދަޢުވާކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އިއްޔެ ދައުވާ އުފުލާފައި ވަނީ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށެވެ.

އެމީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާއެވެ.