ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ގާއިމް ކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް އެޗްއާރްސީއެމުން ކަނޑައަޅައިފި އެވެ.
އެޗްއާރްސީއެމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ކޮމިޝަނުން ތަހުޤީޤު ކުރަމުންދިޔަ މައްސަލައަކާ ގުޅިގެން ކ.ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އާއި ކުޑަކުދިންގެ އަދުލުގެ ޤާނޫނުއާއި ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީ.އާރް.ސީ) އާއި ޔުނައިޓެޑް ނޭޝަންސް ސްޓެންޑަރޑް މިނިމަމް ރޫލްސް ފޮރ ދަ އެޑްމިނިސްޓްރޭޝަން އޮފް ޖުވެނައިލް ޖަސްޓިސް (ދަ ބެއިޖިންގް ރޫލްސް) އާއި ސީ.އާރް.ސީ ކޮމިޓީގެ ޖެނެރަލް ކޮމެންޓް ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ކުޑަކުދިންގެ ޙައްޤުތައްގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި ރައްކާތެރިކަން އެކުދިންނަށް ލިބިދޭ ތަނެއް ނޫންކަމަށެވެ.
އަދި ދަ ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަރޑް މިނިމަން ރޫލްސް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަރސް (ދަ ނެލްސަން މަންޑޭލާ ރޫލްސް) އަށް ރިޢާޔަތްކުރާއިރު އެތަނަކީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށެވެ.
އެޗްއާރްސީއެމުން ބުނެފައިވަނީ 2020 ނޮވެމްބަރު 8 އިން 10 އަށް ކ.ހިންމަފުށީ އައްސޭރި ޖަލަށް ކޮމިޝަނުން ކުރި ޒިޔާރަތުގައި އައްސޭރި ޖަލުގައި ބިނާކުރަމުންދާ އާ ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް ކުރިއަށްއޮތް އިން މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދީފައިވީނަމަވެސް، ކޮމިޝަނުން 2021 ސެޕްޓެމްބަރު 16 ވަނަ ދުވަހު ހިންމަފުށީ އައްސޭރި ޖަލަށް ޒިޔާރަތް ކުރިއިރުވެސް އަލަށް ބިނާކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނިމިފައިނުވާ ކަމަށެވެ.
އެހެންކަމުން 2021 އޮކްޓޫބަރު 14 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކ.ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށާއި، އެ ތާރީޚުން ފެށިގެން އެއްވެސް މައްސަލައަކާ ގުޅިގެން ކ.ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމްކޮށްފައިވާ ކުޑަކުދިންގެ ޖަލުގައި ކުޑަކުދިން ބަންދު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން 2021 އޮކްޓޯބަރ 14 ގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ޤާނޫނީ އެންގުމެއް އަންގާފައިވާކަމަށެވެ.