ޒިމްބާބްވޭގައި މަސައްކަތް ކުރާ ޗައިނާ ކުންފުނިތަކުގެ ވެރިންނާ ތަނުގެ ރަށްވެހިންނާ ދެމެދު ދެބަސްވުންތައް ދަނީ އިތުރު ވަމުންނެވެ. ޗައިނާއިން މަސައްކަތް ކުރާ ރޯ މައުދަން ކޮނެގެންނަގާ ހިސާބެއްގައި ހިނގާފައިވާ ގޮވުމުގެ ދެ ހާދިސާގައި ޗައިނާ މީހުންނާއި ޒިމްބާބްވޭ ރައްޔިތުން ވަނީ މަރުވެފައެވެ.

ޗައިނާ މީހުންގެ މަރާ ބެހޭ ގޮތުން ހިސާބުގަނޑުގެ މީހުން ވަނީ ހަމްދަރްދީ ފާޅުކުރުމުގެ ބަދަލުގައި މަރުވި މެނޭޖަރަށް ބަދު ބަސް ބުނެފައެވެ. މީހުން އެ މެނޭޖަރު ސިފަކޮށްފައި ވަނީ މީހުންނާ މެދު ރަހުމް ކުޑަ އަނިޔާވެރި މީހެއްގެ ގޮތުގައެވެ.

ގޭސް ރައްކާކޮށްފައި ހުރިތަނެއްގައި ގޮވައިގެން މަރުވި މީހުންގެ ތެރޭގައި ޗައިނާގެ ހަ މީހަކާއި ޒިމްބާބްވޭގެ އަށްމީހަކު ހިމެނެއެވެ.

ޗައިނާ އެމްބަސީން ބުނިގޮތުގައި މި މައްސަލާގައި މަސްއޫލު ފަރާތްތަކާއެކު ދަނީ މަޝްވަރާތައް ބާއްވަމުންނެވެ.

ޗައިނާ ކުންފުނިތަކުގެ މަސްއޫލވެރިން މީހުން ލައްވައި ބުރަކޮށް މަސައްކަތް ކުރުވާ ކަމާއި އަދި އެމީހުންނަށް ހަމައަށް މުސާރަ ނުދޭ މައްސަލައަކީ މަސައްކަތު މީހުންގެ ޖަމުއިއްޔާތަކުން ކުރާ ޝަކުވާއެކެވެ.

އިގްތިސާދީ ގޮތުން ހީނަރުވެފައިވާ ޒިމްބާބްބޭ ވަނީ ޗައިނާއަށް ދަރާފައެވެ. އަދި ޗައިނާގެ ދިހަ ހާހެއްހައި މީހުން ޒިމްބާބްވޭގައި ހިންގާ ޗައިނާގެ ކުންފުނިތަކުގައި މަސައްކަތް ކުރެއެވެ.