އަފްޣާނިސްތާނާ ބެހޭ ގޮތުން މޮސްކޯގައި ބާއްވާފައިވާ އަފްޣާނިސްތާންގެ އަވަށްޓެރިންގެ މޮސްކޯ ފޯމެޓް ބައްދަލުވުން ނިންމާލައިފިއެވެ. މި ބައްދަލުވުމުގައި އަފްޣާނިސްތާންގައި ޓެރަރިސްޓް ޖަމާއަތްތައް ހަރަކާތްތެރިވާ ކަމަށާއި އަފްޣާނިސްތާނުން ޓެރަރިޒަމްގެ ބިރު އޮތްކަމަށް ރަޝިޔާއާއި އިންޑިއާއިން ވާހަކަ ދެއްކިއެވެ. އަދި އަފްޣާނިސްތާނުން ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާދާރު މެމްބރަކަށް ވުމަށްޓަކައި ކުރަން ޖެހޭ ކަންތައްކަމާ ބެހޭ ގޮތުން ވެސް ހުށަހެޅުންތަކެއް ބައްދަލުމުގެ ގަރާރުގައި ފާހަގަ ކޮށްފައި ވެއެވެ.

20 އަހަރު ވަންދެން އަފްޣާނިސްތާނގައި ހަނގުރާމަ ކުރި އެމެރިކާ ބައިވެރިނުވާ މި ބައްދަލުވުމުގައި ރަޝިޔާއާއި އިންޑިއާއާއި ޗައިނާ އީރާން އަދި ޕާކިސްތާންގެ އިތުރުން ކަޒަޚިސްތާނާއި ތަޖިކިސްތާނާއި ތުރުކުމާނިސްތާނާއި ކިރިގީޒިސްތާނާއި އުޒުބެކިސްތާން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ނިންމާފައިވާ ކަންކަމުގެ ތެރޭގައި، ރަސްމީކޮށް ތާލިބާންގެ ސަރުކާރު ބަލައި ނުގަތަސް ތާލިބާނާ އިޙުތިރާމާއެކު މުއާމަލާތު ކުރާނެ ކަމަށާއި؛

ތާލިބާނުގެ ސަރުކާރު ބަލައިގަތުމަށްޓަކައި ތާލިބާނުން ވެރިކަން ހިންގާ ގޮތް ބަދަލު ކުރަން ޖެހޭނެ ކަމަށާއި؛

ހުރިހައި ދަރިކޮޅެއް ތަމްސީލުވާ ސަރުކާރެއް އެކުލަވާލަން ޖެހޭނެ ކަމަށާއި؛

ގައުމީ ސުލްހައަށްޓަކައި މިކަމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށާއި؛

ތާލިބާނުން މެދުމިނުގެ ޙިކުމަތްތެރި އަވަށްޓެރިންނާ ރަޙުމަތްތެރި، ދާޚިލީ އަދި ޚާރިޖީ ސިޔާސަތެއް ގެންގުޅެން ޖެހޭނެ ކަމަށާއި؛

ދެމެހެއްޓެނިވި ސަލާމަތާއި ސުލްހަވެރިކަމާއި ދިގު ދެމިގެންވާ ތަނަވަސްކަމަކަށް މަގުފަހިކޮށްދޭ ގޮތަށް ހުރިހައި ނަސްލެއްގެ ހައްގަށް އިޙުތިރާމް ކުރުމަށާއި؛

އަންހެނުންނާއި ކުޑަ ކުދިންގެ ހައްގަށް އިހުތިރާމް ކުރުމަށާއި؛

އަފްޣާނިސްތާންގެ ބިން އެހެން އެއްވެސް ގައުމަކާ ދެކޮޅަށް ބޭނުން ނުކުރުމަށާއި؛

އަފްޣާނިސްތާންގައި އޮޕަރޭޓް ކުރާ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޭނުންވާ އެހީ ދިނުމަށާއި؛

އަފްޣާނިސްތާންގައި ހީނަރުވަމުންދާ އިންސާނީ ޙާލަތާމެދު ނުތަނަވަސްކަން ފާޅުކުރުންވެސް މި ބަޔާންގައި ހިމަނާފައި ވެއެވެ.

އަފްޣާނިސްތާންގެ މައްސަލަތައް ޙައްލުކުރުމަށް އެހީ ދިނުމަށް އދން އިންތިޒާމު ކުރާ އެހީ ދިނުމުގެ ކޮންފަރެންސެއް ބެއްވުމަށްވެސް ހުށަހަޅާފައި ވެއެވެ.