އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލުގެ އެވޯޑު ރާއްޖެ އަށް ލިބިއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެެރި އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓެގަރީން ރާއްޖެއަށް ވަނީ އިންޑިއާ ކަނޑުގެ ލީޑިންގް ޑެސްޓިނޭޝަނާއި، ލީޑިންގް ބީޗު ޑެސްޓިނޭޝަން އަދި ލީޑިންގް ޑައިވް ޑެސްޓިނޭޝަންގެ އެވޯޑު ހޯދައިފައެވެ.

މީގެއިތުރުން އިންޑިއާ ކަނޑުގެ ލީޑިން ޓޫރިސްޓު ބޯޑުގެ މަގާމު ލިބިފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށެވެ.

ރާއްޖެ އިން ވަނީ ފާއިތުވި 17 އަހަރުތެރޭ އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު 13 ފަހަރު ހޯދާފައެވެ.

ރާއްޖެއަށް ލިބުނު އެވޯޑުތަކާއި ގުޅިގެން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ ވޯލްޑް ޓްރެވެލް އެވޯޑްސްގައި އިންޑިއަން ކަނޑުގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ރާއްޖެ އަށް ލިބުމަކީ ބޮޑު ފަހުރެއް ކަމަށެވެ. އެގޮތުން މިއީ ރާއްޖޭގެ މުޅި ޓުއަރިޒަމް އިންޑަސްޓްރީން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.