ދިވެހި ނެޝަނަލް އެކްޝަން (ޑީ،އެން،އޭ) ގެ ކުރިއަށް އޮތް އަހަރަށް ނަގާ ހިންގާ ކޮމެޓީ ގައި ބައިވެރިވެ ލެއްވުމަށް ޝައުގުވެރިވެ ލައްވާ ބޭފުޅުން ނަށް ޚާއްސަ ބައްދަލުވުމެއް މިރޭ 9:00 ގައި ޑީއެންއޭ މާލަމުގައި އޮންނާނެ ކަމަށް އެތަނުން ބުނެފިއެވެ.

"ވީމާ ކުރިއަށް އޮތް އަހަރު މި ހަރަކާތުގެ މަސައްކަތް ތަކުގައި އަމަލީ ގޮތުން ބައިވެރިވެ އުޅުމަށް އެދޭ ބޭފުޅުން މިރޭގެ ބައްދަލުވުމަށް ވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވަން،" ޑީއެންއޭއިން ބުނެފައިވެއެވެ. ޑީއެންއޭގައި މިހާރު ހުންނަވަނީ ރޮޓޭޓިން ޗެއާޕާސަން އެކެވެ. މިގޮތުން ކޮންމެ މަހަކު ޑީއެންއޭ ހިންގާނީ ވަކި ބޭފުޅެކެވެ. އެހެންނަމަވެސް އަންނަ އަަހަރަށް އެކުލަވާލާ ކޮމިޓީން އެތަން ހިންގާނީ ކިހިނެއް ކަމެއް އަދި އެނގިފައެއް ނުވެެއެވެ. ޑީއެންއޭގެ އެންމެ އިސް ސަފުގައި ފެންނަނީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ.

ޑީއެންއޭއަކީ އެ މީހެއްގެ ސިޔާސީ ފިކުރު މިނިވަންކަމާއެކު ފާޅުކުރުމަށް އެކުލަވާލައިފައިވާ ސިޔާސީ ހަރަކާތެކެވެ. ނުވަތަ ސިޔާސީ ޕްލެޓް ފޯމެކެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ސިޔާސީ ޕާޓީތަކުގެ މީހުންނަށް ވެސް ވަނީ ޑީއެންއޭގެ ފޯރަމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.