ޕާކިސްތާނުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ބޭނުންވާ ފައިސާގެ މަޝްވަރާތަކަށް ވޮޝިންޓަނަށް ވަޑައިގަތް ޕާކިސްތާންގެ ބޮޑު ވަޒީރުގެ މާލީ މުސްތަޝާރު ކުއްލި ގޮތަކަށް އެނބުރި ގައުމަށް ފުރައިވަޑައިގެންފިއެވެ.
ޑޯން ނޫހުން ބުނެފައި ވަނީ ކުއްލި ގޮތަކަށް ޝައުކަރތު ތާރީން ވޮޝިންޓަނުން ވަޑައިގަތް ސަބަބު ސާފު ނުވާކަމަށެވެ. ޕާކިސްތާނު މަސްއޫލުވެރިން ވޮޝިންޓަނުގައި ތިއްބަވައިގެން ވިދާޅުވެފައި ވަނީ އައިއެމްއެފްއާއެކު ބާއްވާ މަޝްވަރާތައް ވބަރަށް ކާމިޔާބު ކޮށް ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް ނޫސްވެރިންނަށް ބާއްވަން އޮތް މަޢުލޫމާތު ދިނުމުގެ ބައްދަލު ވުމެއްވެސް ކުއްލި ގޮތަކަށް ކެންސަލް ކޮށްފައިވާތީ އެކަމާ މެދުވެސް ސުއާލު އުފައްދައެވެ.
ޝައުކަތު ތާރީންގެ ދަތުރުފުޅަކީ، ޑޯން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން މާލީ ދަތިތަކެއް ދިމާވެފައިވާ ޕާކިސްތާނަށް ކޮންމެހެން ބޭނުންވާ ހަ ބިލިއަން ޑޮލަރު ހޯއްދެވުމުގެ މަޝްވަރާއަށް ކުރެއްވި ދަތުރުފުޅެކެވެ. އެހެންނަމަވެސް އޭނާ ވަނީ ނިއުޔޯރކުން އިންޓަރނޭޝަނަލް ފްލައިޓެއްގައި ފުރާވަޑައިގަތުމަށްޓަކައި ކުއްލި ގޮތަކަށް ވޮޝިންޓަނުން ފުރައިވަޑައިގެންފައެވެ.
ޑޯން ނޫހުން ބުނާ ގޮތުން ތާރިން އިމްރާން ޚާނާއެކު ސައޫދީ އަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެއެވެ.
މީގެ ކުރިން އައިއެމްއެފުން ވަނީ ކޯވިޑް19އާ ގުޅިގެން ދިމާވި ދަތިތަކާ ހެދި ޕާކިސްތާނަށް 2.7 ބިލިއން ޑޮލަރު ދީފައެވެ.
ޕާކިސްތާނުން ޔަގީންކަން ދޭ ގޮތުގައި އައިއެމްއެފްގެ މަޝްވަރާތައް އަދި ފެއިލްއެއް ނުވެއެވެ.
ތާރިންއަކީ ވޮޝިންޓަނަށް ވަޑައިގެންނެވިއިރު ޕާކިސްތާންގެ މާލީ ވަޒީރެވެ. ނަމަވެސް ޕާލަމެންޓަށް ހޮވިވަޑައި ނުގަތުމުން މިހާރު އޭނާ އައްޔަން ކޮށްފައި ވަނީ މާލީ މުސްތަޝާރެއްގެ މަގާމުގައެވެ.
އައިއެމްއެފުން އެދިފައި ވަނީ ޕާކިސްތާނުން އެގައުމުގެ އިގްތިސާދު ހަމަމަގަށް އަޅުވައި ސަރުކާރު ކުންފުނިތަކަކީ ފައިދާވާ އެއްޗެއްގެ ގޮތުގައި ހިންގަމުން ގެންދާށެވެ. އަދި ބައެއް ދާއިރާތަކަށް ދީފައިވާ ސަބްސިޑީ ކަނޑާލާށެވެ.