އައްޑޫ ސިޓީ އިން އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވާ މި 17 މީހުންގެ ތެރެއިން ފޭދޫއިން 6 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއީ ރެންޑަމް 2 ސާމްޕަލަކާއި ފުލޫކުލިނިކަށް ދެއްކި މީހަކާއި، ޑައިރެކްޓް ކޮންޓެކްޓަކާއި، ފުރަންވެގެން ޓެސްޓު ހެދިއިރު ޕޮޒިޓިވްވި ދެ މީހެކެވެ.

ހިތަދޫއިން ވެސް ވަނީ 9 މީހަކު ޕޮޒިޓިވް ވެފައެވެ. އެއީ 5 ޑައިރެކްޓް ކޮންޓެކްޓަކާއި ފުލޫކުލިނިކަށް ދެއްކި ދެ މީހަކާއި 1 ސަވައިލަންސް ސާމްޕަލަކާއި 1 ދަތުރުވެރިއެކެވެ. މަރަދޫއިން ޕޮޒިޓިވްވެފައިވަނީ 1 އެވެ. އެއީ ފުލޫކުލިނިކަށް ދެއްކި މީހެކެވެ. ހުޅުދޫން ވެސް ޕޮޒިޓިވް ވެފައިވަނީ 1 އެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓެކެވެ.

މިއަދަދާއެކު ހިތަދޫގައި މިވަގުތު ތިބި އެކްޓިވްކޭސްގެ އަދަދަކީ 185 އެވެ. މަރަދޫގައި 13 އެވެ. މަރަދޫފޭދޫގައި 7 އެވެ. ފޭދޫގައި 20 އެވެ. ހުޅުދޫގައި 4 އެވެ. ޝަންގުރިއްލާގައި ވެސް 1 އެވެ.

އައްޑޫ ސިޓީގެ އެކްޓިވްކޭސްގެ މިހާރުގެ ޖުމްލައަކީ 230 އެވެ. ބަލިން ފަސޭހަވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 1629 އެވެ. ބަލި ޖެހުނު ޖުމްލަ އަދަދަކީ 1864 އެވެ. މިހާތަނަށް އައްޑޫއިން ވަނީ މިބަލީގައި 6 މީހަކު މަރުވެފައެވެ.