ޗައިނާގެ ރައީސް ޝީ ޖިންގޕިންގގެ ވެރިކަން ކުރާ ވައްޓަފާޅި އެންމެ ގާލުން ބަލައި އަދި އެންމެ ބޮޑަށް އޭނާއަށް ފަހިކޮށްދެއްވި ޗައިނާގެ ޖަސްޓިސް މިނިސްޓަރ ހައްޔަރުކޮށްފިއެވެ. ކުރީގެ ޖަސްޓިސް މިނިސްޓަރ ފޫ ޖެންހުއާ ހައްޔަރުކޮށްފައި ވަނީ ކޮމިއުނިސްޓް ޕާޓީގެ ގަވާއިދާ ޚިލާފް ވުމުގެ ތުހުމަތުގައެވެ.
ފޫ ޖެންހުއާއަކީ އެއް ޒަމާނެއްގައި ޗައިނާގެ ރައީސް ޝީގެ އެންމެ ގާތް އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަތް އެތެރެ ކޮއިލު ބޭފުޅެކެވެ.
އޭނާ ޖަސްޓިސް މިނިސްޓަރަކަށް ހުންނަވައިގެން ޝީ ގެ ވާދަވެރި، އަދި މަތީމަގާމުތަކުގައިއާއި ނުފޫޒުގަދަ ކޮށް އުޅުނު އެތަކެއް މަސްއޫލުވެރިން ތޭރިތަކުގެ ފުރަގަހަށް ގެންދެވިއެވެ. އޭނާއަށްވެސް ތުހުމަތު ކުރެވިފައިވާ ފަދައިން މި މީހުން ބަންދުކުރެވުނީ ގިނައިން ކޮރަޕްޝަންގެ ތުހުމަތުގައެވެ. އެނާ ވަނީ ކުރިން ސަލާމަތީ ކަންކަމާ ބެހޭ ގޮތުން އިސްވެ ހުންނެވި، ޗޯ ޔޮންގކާންގވެސް ކޮރަޕްޝަންގެ ތުހުމަތުގައި މަގާމުން ވަކި ކުރައްވައި ޖަލަށް ފޮނުއްވާފައެވެ.
ފޫ ޖެންހުއާއަކީ، ޕަބްލިކް ސެކިއުރިޓީ މިނިސްޓަރުގެ ނާއިބްގެ މަގާމުގައި ހުންނަވަނިކޮށް، ޝީ ޖިންޕިންގ ގެ ވެރިކަމުގައި މަގާމުން ދުރުކުރެވިފައިވާ ހަތަރު ވަނަ މަސްއޫލު ވެރިއާއެވެ.
ޝީ އަކީ މަގާމުގައި ގިނަ ދުވަހަށް ބާރާއެކު ހުންނެވުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަދި އެނާއަކީ ޝައްކުން ފުރިގެންވާ ވެރިއެއްކަމަށްވެސް ސިފަ ކުރެވެއެވެ. ވެރިކަމާ ތޮޅެލާނެފަދަ ކޮންމެ މީހަކަށް ދައްކަނީ އެންމެ މަގެކެވެ. ޖަލަށް އޮންނަ މަގެވެ.
ފޫ ޖެންހުއާ ޖަސްޓިސް މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ 2018 ވަނަ އަހަރުގައެވެ.
ދަ ޑިޕްލޮމޭޓުން ރިޕޯޓް ކުރާ ގޮތުގައި ޝީގެ ސިޔާސަތާ ގަޔާނުވާހެން ހީވާ ކޮންމެ މަސްއޫލުވެރިއަކު ބައްދާ ލެވެނީ، ކޮރަޕްޝަންގެ ތުހުމަތުގައެވެ.
ޗައިނާގެ ވެރިކަމުގެ ނިޒާމު އޮންނަ ގޮތުން މަސްއޫލު ވެރިއަކާ މެދު ތުހުމަތު ކުރެވެނީނަމަ، ފުރަތަމަ އޭނާގެ މައްސަލަ ބަލާނީ ކޮމިއުނިސްޓް ޕާޓީގެ ޚާއްސަ އިދާރާއަކުންނެވެ. މިއދާރާއިން ތުހުމަތުތައް ސާބިއުކޮށްފިނަމަ، ދެން މައްސަލަ ދާނީ ކޯޓަށެވެ.
ފޫ އަކީ އޭނާގެ ބާރުގަދަ ދުވަސްވަރު ގިނަ އަދެއްގެ ލޯޔަރުންނާއި ސިވިލް ސޮސައިޓީ މެމްބަރުންތަކެއް ހައްޔަރުކޮށްގެން މެޑެލް ޖެހި މީހެކެވެ.
ބެއިޖިންގެ ބައެއް ގާނޫނީ ވަކީލުން ވީޗެޓް ފޯރަމްތަކުގައި ފޫ ހައްޔަރުކުރި ވާހަކައަށް އިޝާރާތް ކުރަމުން މަލާމާތް ކޮށްފައި ވަނީ ފޫ ގެ ތަރި އޮއްސުނީކަމަށް ބުނެއެވެ.