މިއަހަރު ފެށި ނޭޝަނަލް ވޮލަންޓިއަރސް ޕްރޮގްރާމްގައި، މިއަދާ ހަމައަށް ޖުމްލަ 105 ވޮލަންޓިއަރުން ބައިވެރިވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިއީ ޤައުމީ ކަންކަމުގައި އިސްނެގުމާއި ހިންގުމުގެ ރޫޙު ޒުވާނުންގެ މެދުގައި އާލާކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. އެމަނިކުފާނު ވިދާޅުވީ އޭގެ ތެރެއިން 40 ވޮލަންޓިއަރުން ތަމްރީނު ފުރިހަމަކުރުމަށްފަހު ގައުމީކަންކަމުގައި ބައިވެރިވަމުން އަންނަ ކަމަށެވެ. ކޯވިޑް ފެސިލިޓީތަކުގައިވެސް ބައެއް ވޮލަންޓިއަރުން ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރަމުން ގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސައްކަތެއް ނުކޮށް ތިބި، ވަރަށް ގިނަ ޒުވާނުންތަކެއް މިހާރުވެސް ރާއްޖޭގައި އެބަތިބި ކަމަށެވެ. ހަމައެއާއެކު، ރާއްޖޭގެ މަސައްކަތު ބާޒާރުގައި، ވަރަށް ގިނަ ޢަދަދެއްގެ ބިދޭސީންވެސް ހަރަކާތްތެރިވަމުން އަަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މިއިން އެނގެނީ، މަސައްކަތެއް ނުކޮށް ޒުވާނުންތަކެއް ތިއްބަސް، މަސައްކަތު ބާޒާރުގައި ތަފާތު ފުރުޞަތުތައް އެބަހުރިކަން." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓޫރިޒަމް ފަތުރައިލުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އެހެނަސް އެކަން ކުރެވެން އަންނަނީ، މިހާރަށްވުރެ ފަސޭހައިން ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ، ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދޭ. އަދި އޭގެއިތުރުން، ރާއްޖޭގައި ފަށާ ހައި ސްޕީޑް ފެރީގެ އެންމެ ފުރަތަމަ ޕްރޮޖެކްޓް ފެށިގެން މި އަންނަނީ ބޮޑު ތިލަދުންމަތިން. ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މި ސަރަޙައްދުގައި ހައި ސްޕީޑް ފެރީގެ މަސައްކަތްވެސް ފެށިގެންދާނެ. ޓޫރިޒަމާއި އަދި އޭގެއިތުރުން، މި ރަށުގައި (ކުޅުދުއްފުށި) މި ތަރައްޤީކުރާ ޓަރޝަރީ ހޮސްޕިޓަލާއި، އަދިވެސް އެނޫން ކަންތައްތަކުގެ ސަބަބުން މި ރަށުގަޔާއި، މި ސަރަޙައްދުގައި އިތުރު ވަޒީފާތައް އުފެދިގެންދާނެކަމީ ޝައްކެއްއޮތްކަމެއް ނޫން،" ކަމަށް ރައީސް ވިދާޅުވިއެވެ.