ސަރުކާރުގެ އަމާޒަކީ، އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޒުވާނުންގެ ދުވަސްފާހަގަ ކުރުމަށް ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޒުވާނުންގެ ދާއިރާއަށް ބަލާއިރު، އެންމެ ދުވަސްވީ މައްސަލައަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން، އެކަމުން ސަލާމަތްކޮށް، އަލުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މައްސަލަ ކަމަށެވެ.
ރައީސް ވިދާޅުވީ މި މަގުސަދު ޙާސިލް ކުރުމަށްޓަކައި މުޖުތަމަޢުގައި ތިބެގެން، ފަރުވާ ހޯދޭނެ، ވަށާޖެހޭ ޕްރޮގްރާމްތަކެއް، ވަރަށް އަވަހަށް ފެށުމަށް ހެލްތު މިނިސްޓްރީން މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ޤާނޫނީ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަކީވެސް ސަރުކާރުން ކުރައްވަންޖެހޭ ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. "ސަރުކާރުން މިހާރު ޑްރާފްޓްކޮށްފައިވާ 'ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލު' ގެ އެންމެ މުހިންމު މަޤްޞަދަކީ، އިސްލާމްދީނަށް ލޯބިކުރާ، ދީނުގެ އަސާސްތަކަށް ޙުރްމަތްތެރިކޮށްހިތާ، އަދި ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިގެންވާ ޒުވާނުންތަކެއް ބިނާކުރުން" ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ބިލުގެ އަނެއް ބޭނުމަކީ ޒިންމާދާރު ހުނަރުވެރި ޒުވާން ރައްޔިތުންތަކެއް ބިނާކުރެއްވުން ކަމަށް ވެސް ވިދާޅުވިއެވެ. ޒުވާނުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް މަގު ދައްކައިދީ، ކުރިމަގުގެ ފުރުޞަތުތަކަށް މަގުފަހުކޮށްދިނުމަކީވެސް އެ ބިލުގެ ވަރަށް މުހިންމު މަޤްޞަދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ބިލުގެ ސަބަބުން، ޤައުމު ކުރިއަރުވައި، ރާއްޖެއަށް ޝަރަފާއި ފަޚުރު ހޯދައިދިނުމުގައި، މިހާރަށްވުރެ ބޮޑަށް ޒުވާނުންގެ ބައިވެރިވުން ލިބޭނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މި އަހަރުގެ ޒުވާނުންގެ ދުވަސް މިއައީ، ޒުވާނުންގެ ކަންކަމާމެދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ދުވަސްވަރެއްގައި. ޒުވާނުންނަށް ކިޔަވައިދިނުމާއި، މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، ޤައުމީ ތަރައްޤީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ދުވަސްވަރެއްގައި" ރައީސް ވިދާޅުވިއެވެ.