އައްޑޫސިޓީގައި އިންޑިއާ ސަރުކާރުގެ އެހީއާއިއެކު ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ބްރިޖު ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިއީ ހިތަދޫ ހަންކެޑެ ގުޅިފައިވާ ރަށްރަށުން ވަކިކުރުމަށް އަޅާ ބުރިޖެކެވެ. މިހާރު އޮންނަ ގޮތުން ލިންކް ރޯޑުގެ އެއްބައި ހަންކެޑެ ސަރަހައްދަށް އަރައެވެ. އެހެން ކަމުން މިހާރު އަޅަމުންދާ ބުރިޖުގެ މަސައްކަތް ނިމުމުން އެކަމަށް ހައްލު ލިބި ހަންކެޑެ ވަކިވާނެއެވެ. މި ބްރިޖާ އެކު ހިތަދޫ ގައުކެނޑި ސަރަހައްދުން ފެށިގެން މަރަދޫ ކޮޅާ ހަމައަށް ހަންކެޑެ ހުޅަނގު ފަރާތުން 1.4 ކިލޯމީޓަރުގެ ބްރިޖަކުން ގުޅުވާލެވޭނެއެވެ. ހަންކެޑެ ވަކިކުރަނީ އެސަރަހައްދު ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށެވެ.

ބްރިޖުގެ ޢަމަލީ މަސައްކަތް މިހާރުވަނީ ފަށައިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިހާރު ކުރިއަށްދަނީ ބްރިޖުގެ ތަނބުތައް ޖެހުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތަކެވެ.

މިއީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މަގު ހެދުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ބައެކެވެ. މިއީ 77 މިލިއަން ޑޮލަރު ނުވަތަ 1.19 ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ގާތްގަނޑަކަށް 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމަކާއި، އައްޑޫގެ ހުރިހާ އަވަށްތަކެއް ހިމެނޭ ގޮތަށް ޖުމުލަ 40 ކިލޯމީޓަރުގައި ތާރު އެޅި، އިތުރު ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރަށް ޓްރެފިކް ނިޝާންތަށް ޖެހުމާއި ލިންކްރޯޑުގެ ބައެއް ރީސާފެސް ކުރުމުގެ މަސައްކަތުގެ އިތުރުން، އައްޑޫގެ ހުރިހާ އަވަށްތަށް ސީސީޓީވީ ނެޓްވޯކަކުން ގުޅާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.