މިހާރު ދުނިޔޭގައި، އަލަށް ޕޯލިޔޯ ބަލި ފެތުރޭ ގައުމުތައް ވަރަށް މަދެވެ. އޭޝިއާގެ ގައުމުތަކަށް ބަލައިފިނަމަ މި ބަލި މިހާރު ފެންނަނީ އަފުޣާނިސްތާނާއި ޕާކިސްތާނުންނެވެ. ނަމަވެސް ޕާކިސްތާނުގެ ހިތްވަރުގަދަ އަންހެން ކަބަލެއްގެ މަސައްކަތުން އެގައުމުގައި ޕޯލިޔޯ ޖެހޭ ކުދިންގެ އަދަދު މަދުކޮށްފިއެވެ. އަދި މުޅި ދުނިޔެއިން މި ބަލި ފިލުވާލެވިދާނެކަން ހާމަކޮށްދީފިއެވެ.

" ގޭޓު ނޯޓްސް"ގައި ބިލްގޭޓްގެ ހީރޯގެ ނަމުގައި ފާހަގަކޮށްފައިވާ ޕާކިސްތާނުގެ ވެކުސިން އުފައްދާ ސުމެއިލާ ރަހުމާނީ ބުނާގޮތުގައި އެހެން ގައުމުތަކުން ޕޯލިޔޯ ނައްތާލާފައިވާއިރު ޕާކިސްތާނުންވެސް މި ބަލި ފުހެނުލެވޭންވީ ސަބަބެއް ނެތެވެ. މި މަގުޞަދުގައި ސުމައިލާ އެތައް ހާސް ގެއަކަށް ގޮސް އާއިލާތަކާއި ވާހަކަދައްކާ ޕޯލިޔޯގެ ވެކްސިންގެ މުހިންމުކަށް އޮޅުން ފިލުވައިދިނެވެ. ކޫލަރެއްގައި ޕޯލިޔޯ ވެކްސިން ހިފައިގެން ގޮސް އާއިލާތަކަށް މައުލޫމާތު ދީ އެފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުދިނެވެ. ނަތީޖާ އަކީ ގިނަ ރައްޔިތުން ސުމެއިލާ އާއި އޭނާ ގެ ކެމްޕެއިން ޓީމުގެ ވާހަކަތައްއަޑު އަހާ ގަބޫލު ކުރުމެވެ. ޕާކިސްތާނުގެ އެތައް މިލިޔަން އާއިލާތަކުން އެބައިމީހުންގެ ދަރިންނަށް ޕޯލިޔޯ ވެކްސިން ދިނުމެވެ. ނަމަވެސް އެ ޓީމުގެ މަސައްކަތާއި ދެކޮޅުހެދި 250 އާއިލާ ޕޯލިޔޯ ވެކްސިން ދިނުމަށް އިންކާރުކުރިއެވެ.

އެހެންނަމަވެސް މި އާއިލާތަކަށް އުފަންވާ ބައެއް ކުދިންގެ ކިބައިން ޕޯލިޔޯގެ އަލާމަތްތައް ފެންނަންފެށުމުން ދެން އުފަންވާ ކުދިންނަށް ޕޯލިޔޯ ވެކްސިން ދޭންފެށިއެވެ.

ސުމެއިލަ އާއި އޭނާގެ ޓީމުގައި ހިމެނޭ ސިއްޙީ އެހީތެރީންގެ މިންނެތް މަސައްކަތާއި ޕާކިސްތާނުގެ ޕްރައިން މިނިސްޓަރ އިމްރާން ޚާން ގެ އެހީތެރިކަމާއެކު ޕާކިސްތާނުން ޕޯލިޔޯ ޖެހޭ އަދަދު ވަރަށް ބޮޑަށް ދައްކުރެވިއްޖެއެވެ.

2020 ވަނަ އަހަރު ޕާކިސްތާނުން 84 ކުދިންނަށް ޕޯލިޔޯ ޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް ޕޯލިޔޯ ޖެހުނުކަމަށް ރިޕޯޓުކޮށްފައިވަނީ އެންމެ ކުއްޖެކެވެ.

ސުމެއިލާ ހާމަކުރި ގޮތުގައި ކޯވިޑް 19 ގެ ސަބަބުން ރައްޔިތުން ސާފުތާހިރުކަމަށް ސަމާލުކަން ދިނުމުން ޕޯލިޔޯ ޖެހުންވެސް ދަށަށް ދިޔަކަމަށް އޭނާ ގަބޫލުކުރެއެވެ. އެހެން ކަމުން ޕޯލިޔޯ ކެންޕެއިން ތަކާއެކު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށްވެސް އޭނާގެ ޓީމުން ޕްރޮގުރާމުތައް ހިންގައެވެ. އެގޮތުން އެގައުމުގެ ކޮންމެ ރައްޔިތަކަށްވެސް ޕޯލިޔޯއާއި ކޯވިޑް 19 ބަލިމަޑުކަމާގުޅޭ މައުލޫމާތު ހޯދުމަށް ހިލޭ ގުޅޭނޭ ނަންބަރެއް ޕާކިސްތާނުގެ ގައުމީ ޕޯލިޔޯ ޓީމުން ތައާރަފު ކޮށްދިނެވެ.

މި ފޯނަށް "ޕެންޑަމިކް" ގެ ދުވަސްވަރު 17 މިލިޔަނަށްވު ގިނަ ފަރާތްތަކުން ގުޅައި މައުލޫމާތު ހޯދިއެވެ.

މިދުވަސްވަރު 3 ކުދިންގެ މަންމަ ސުމައިލާ، ގިނަވަގުތު ހޭދަކުރީ ކޯވިޑް 19 ގެ މައުލޫމާތު ތަކާއި ޕޯލިޔޯ ބަލި ދެނެގަތުމަށް އަންނަ ފޯނުތަކަށް ޖަވާބު ދިނުމުގައެވެ. ސަބަބަކީ ޕޯލިޔޯ ބައްޔާއި ކޯވިޑް 19 ގެ އަލާމަތްތައް އާންމު ފަރުދުންނަށް ނޭނގުމެވެ. ސުމައިލާ އާއި އޭނާގެ ސިއްޙީ ޓީމުގެ މަސައްކަތް ވަރަށް ކާމިޔާބެވެ.

އަފުޣާނިސްތާނުންވެސް ޕޯލިޔޯ ބަލި ފުހެލުމަށް މަސައްކަތް ކުރަމުން ދާކަމަށް އެގައުމުން ވަރަށް ފަހުން ހާމަ ކުރިއެވެ. އެގޮތުން މި ފެށޭ ނޮވެންބަރު މަހު އެގައުމުން ޕޯލިޔޯ ބަލި ނައްތާލުމަށް ގައުމީ ފެންވަރުގެ ކެންޕެއިނެއް ފަށާނެކަމަށް އިއުލާނު ކުރިއެވެ.