މަޖިލީހުގައި ހުރި ބިލުތަކުގެ މަސައްކަތް ނިންމަން ކޮމިޓީތަކުގެ މަސައްކަތް އަވަސް ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިވަގުތު މަޖިލީހުގައި 33 ބިލުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އޭގެތެރޭގައި ސަރުކާރުން ހުށަހަޅާފައިވާ 26 ބިލު އަދި މެމްބަރުން ހުށަހަޅާފައިވާ 7 ބިލު ހިމެނޭކަމަށެވެ. އަދި އެއީ ވަރަށް ގިނަ ބިލުގެ މަސައްކަތް ކަމަށެވެ.

"ސަރުކާރުން ގިނަ އިތުރު ބިލު މަޖިލީހަށް ހުށަހެޅިކަމުގައި ވީނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ބާރަށް ގެންގޮސް މިހާރު ހުރި މަސައްކަތްތައް ނުނިންމެނީސް، މިތަނުގެ މަސައްކަތް މުޅިން ނިންމާލެވެން ދަތިވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގައި ގިނަ ބޮޑެތި މަސައްކަތްތަކެއް އެބަހުރި ކަމަށާއި، އެ ބިލުތައް ނިންމުމަށް ކޮމިޓީތަކުގެ މަސައްކަތް އިތުރުކުރުން މުހިންމު ކަމަށެވެ.