އިންޑިއާއަށް އެތެރެވާ ފަތުރުވެރިން މިއަދުން ފެށިގެން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އިންޑިއާއިން ހަމަޖައްސައިފިއެވެ. އިންޑިއާއިން ނިންމާފައި ވަނީ އިންޑިއާއާ އެއްގޮތަށް ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ ގަބޫލުކުރާ ވެކްސިން ޖަހާ ގައުމަކުން އެތެރެވާ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް އެއަރޕޯޓްގައި މަޑުކުރުމަކާ ނުލައި އަދި ގޭގައި ކަރަންޓީނު ވުމަކާ ނުލައި އަދި ޓެސްތް ހެދުމެއް ނެތި އެމީހަކަށް އިންޑިއާއަށް އެތެރެވެވޭ ގޮތަށެވެ.
މި ގޮތަށް ނިންމި ކަމުގައިވީނަމަވެސް އިންޑިއާއަށް އެތެރެވާއިރު ނެގެޓިވް ޕީސީއާރް ޓެސްޓެއް ގެންނަން ޖެހެއެވެ.
އިންޑިއާއަށް އެތެރެވާ ވެކްސިން ޖަހާފައި ނުވާ ފަތުރުވެރިން ނުވަތަ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައި ނުވާ ފަރާތްތަކުން އެއަރޕޯޓްގައި މަޑުކޮށް ޕީސީއާރް ޓެސްޓެއް ހަދަން ޖެހެއެވެ. އަދި އެއަށްފަހު ހަތް ދުވަސްވަންދެން ގޭގައި ކަރަންޓީނު ވާން ޖެހެއެވެ. އަދި އަށްވަނަ ދުވަހު ހަދާ ޓެސްޓަކީ ނެގެޓިވް ޓެސްޓެއްކަމުގައި ނުވާނަމަ، އިތުރު ހަތް ދުވަހަށް މަޑުކޮށް ޓެސްޓެއް ހަދަން ޖެހެއެވެ.
އިންޑިއާއަށް އެތެރެވާއިރު ގެންނަ ނެގެޓިވް ޓެސްޓް ނަތީޖާއަކީ ސައްޙަ އެއްޗެއް ކަން ލިޔުމުން ބަޔާން ކުރަން ޖެހެއެވެ. އަދި މިއީ ދޮގު މައުލޫމާތެއްކަން ސާބިތު ވެއްޖެނަމަ ޖިނާއީ ތަހުގީގެއް ހިންގޭނެއެވެ.