އުތުރުތިލަފަޅު އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާ އެއްބަސްވުމެއްކަމަށް ބުނެ އެ އެއްބަސްވުން ވަގުތުން އުވާލުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އުތުރުތިލަފަޅުގެ އެގްރީމަންޓް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާ ކުރެއްވުމަށް، އެ ކޮމިޓީއަށް ނުދެއްވުމަކީ އަދި އެ ކޮމިޓީން އެ އެގްރީމަންޓް ހޯދާފައި ނުވުމަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

އެގޮތުން އުތުރުތިލަފަޅުގެ އެގްރީމަންޓް ކަމަށް ބުނާ ލިޔުމެއް ސްކްރީނަކުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ދައްކާލުމުގެ ބަދަލުގައި އެ އެގްރީމަންޓްގައި ހުރި މާއްދާތައް ވަކިވަކިން ދިރާސާކުރުމުގެ ފުރުސަތު ހޯދުމަކީ ކޮމިޓީއަށް ލާޒިމުކަމެއްކަމަށާއި، އެ އެގްރީމަންޓް، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ނުދިނުމަކީ އަދި ކޮމިޓީން އެ އެގްރީމަންޓް ހޯދާފައި ނުވުމަކީ އުތުރުތިލަފަޅުގެ އެގްރީމަންޓާގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ފަރުވާއެއް ހޯދައިދިނުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ފެއިލްވެފައިވާކަން ހާމަވާކަމެއްކަމަށެވެ.

އިދިކޮޅުން ބުނެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭނެކަމަށާއި، އަދި އެކަމާ ނުހަނު ކަންބޮޑުވާކަމަށެވެ.

"ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅި ޕްރެޒެންޓޭޝަނުން އެނގުނުގޮތުގައި އުތުރުތިލަފަޅުގައި އިންޑިއާއިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ބަޔަކަށް ޑިޕޮލޮމެޓިކް އިމިއުނިޓީ ދީގެން، ކުރިއަށްއޮތް 15 އަހަރަށްވުރެ ގިނަ ދުވަސްތަކަކަށް ތިބެވޭނެއެވެ. އިންޑިއާއިން ގެންނަ މީހުންގެ ތެރޭގައި އިންޑިއާ ސިފައިން ނުހިމެނޭކަމަށް ބުނެފައިނުވާއިރު، ޚާއްޞަކޮށް، ދިވެހި އަސްކަރިއްޔާގެ މަރުކަޒެއްގައި އިންޑިއާގެ ސިފައިންނަށް ތިބުމަށް މަގުފަހިވާ އެއްބަސްވުމެއް ހަދައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމެއްނެތި ސޮއިކުރުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާ ޚިލާފު ކަމެކެވެ."

މީގެއިތުރުންވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ އުތުރު ތިލަފަޅާބެހޭ އެގްރީމަންޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސޮއިކުރައްވާފައިވާ އެގްރީމަންޓެއްކަމަށް ދެއްކުމަށް އަސްކަރިއްޔާއިން ވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާކަމަށާއި، މިކަމުން ދޭހަވަނީ ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު އިންތިހާއަށް ފޯރުވަމުންދާކަން ކަމަށެވެ.