ރައްކާތެރިކަމާއި ހަމަހިމޭންކަމާއެކު ދިރި އުޅެމުން އައި ކ. ގުރައިދޫގެ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބުނީ އެރަށުން މީހަކު ކޯވިޑް 19 އަށް ފައްސި ވުމުން ނެވެ.

ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހުރި 65 އަހަރުގެ ފިރިހެނަކު ވަނީ މިދިޔަ އަންގާރަ ދުވަހު ނިޔާވެފަ އެވެ. މައްޔިތާގެ ޕީސީއާރު ޓެސްޓުގެ ނަތީޖާ ކޯވިޑް 19 ފައްސިވި އެވެ. އޭނާ ނިޔާވީ ބަލިވެގެން މާލެ ގެނައި ދުވަހުއެވެ.

ދެން އެ މަރުކަޒުގައި ތިބި މުވައްޒަފުންނާއި ބަލި މީހުންގެ ސުންކު ނަގައި ޓެސްޓު ހެދި އިރު އެތަނުން މުވައްޒަފުން ތަކަކާއި އެތާނގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން ބަޔަކު ކޯވިޑް 19 އަށް ފައްސި ވިއެވެ.

ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ތަނެކެވެ. މި މަރުކަޒުގައި ހުންނަ ވޯޑުތައް މަދުވުމާއި ޖާގަ ނެތުމުގެ ސަބަބުން ކޯވިޑް 19 އަށް ފައްސިވީ މީހުނާއި އެބައްޔަށް ފައްސި ނުވާމީހުން ދިރިއުޅެން ޖެހިފައިވަނީ އެއްތަނެއްގައި ކަމުގައި ގުރައިދޫން ވާހަކަދައްކި މީހަކު ބުންޏެވެ. ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައިވަނީ މަރުކަޒުން ބައްޔަށް ފައްސިވެ ހާލު ހާލު ބޮޑުވި މީހުން ކަމުގައިވެސް އޭނާ ބުންޏެވެ. އެހެންކަމުން މަރުކަޒުގައި ދިރިއުޅޭ މީހުން މިވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ ހާސްކަމެއްގެ ތެރޭގައެވެ.

މީގެ އިތުރަށް މި ހާލަތުގައި މަރުކަޒުގައި ދިރިއުޅޭ މުވައްޒަފުން މަސައްކަތު ދަންފަޅި ނިންމާލާފައި ގެއަށް ދާން ޖެހޭއިރު، ފެންވަރައި ހެދުން ބަދަލުކުރެވޭފަދަ އިންތިޒާމެއް ހަމަޖެހިފައި ނުހުންނަކަމަށް މަރުކަޒުގައި ވަޒީފާ އަދާކުރާ މުވައްޒަފެއްގެ އާއިލާ މެންބަރަކު ބުންޏެވެ. މިހާރުވެސް މުވައްޒަފުންނަށް މިކަމުގައި ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށް އޭނާ ބުންޏެވެ.

ގުރައިދޫން ކޯވިޑް 19 އަށް ފައްސިވި މީހުންގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންގެ އާއިލާތަކުގެ މީހުންވެސް ހިމެނެއެވެ. މި މީހުނާ ބައްދަލުވި އެތައް ބަޔަކު ރައްޔިތުންގެ ތެރޭގައި އެބަތިއްބެވެ.

ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުގައި ތިބެނީ ތަފާތު ސަބަބު ތަކާހުރެ އާއިލާއަށް ނުބެލިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެނެސްފައި ތިބޭ މީހުންނެވެ. މި މީހުންގެ ތެރޭގައި ނަފުސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުނާއި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. އެހެންކަމުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މި ބަލި ފެތުރެން ފެށުމުން އެތާގައި ދިރިއުޅޭ މީހުނަށް ނަފުސާނީގޮތުން އިތުރު މައްސަލަތައް ކުރިމަތިވެފައިވާކަމަށް އެރަށުން ވާހަކަދެއްކި މީހަކު ނަން ހާމަނުކުރުމަށް އެދި ކިޔައިދިނެވެ.

މިކަމާ ގުޅޭ ގޮތުން ޖެންޑަރ މިނިސްޓްރީއިން ނެރުއްވާފައިވާ ބަޔާނުގައިވަނީ 23 އޮކޫޓޯބަރު 2021 ވީ ހޮނިހިރުދުވަހު އިރު އޮއްސި 6 އިން ފެށިގެން މަރުކަޒަށް މީހުން ވަދެ ނުކުމެ އުޅުން ވަނީ ކޮންޓްރޯލު ކޮށްފައި ކަމަށެވެ. އަދި މަރުކަޒުގެ ސިއްޙީ ޚިދުމަތްތެރީންގެ ޓީމުން ގެންދަނީ ގުރައިދޫ ސިއްޙީ މަރުކަޒުގެ އިރުޝާދާއި ލަފާގެ މަތިން ފިޔަވަޅުތައް އަޅައި، އެޗްޕީއޭގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން ކުރަންޖެހޭ ކަންކަން ކުރަމުން ކަމުގައި ވެސް މި ބަޔާނުގައި ވެއެވެ. އަދި ޕޮޒިޓިވް ވެފައިވާ ބަލިމީހުން ވަނީ ކޮވިޑް ފެސިލިޓީއަށް ބަދަކޮށްފައިކަމުގައިވެސް ބަޔާނުގައި ވެއެވެ.

ރާއްޖޭގައި ކޯވިޑް 19 ބަލި ފެތުރެމުންދާތާ 2 އަހަރު ވާން ކައިރިވިއިރު މިފަދަ މަރުކަޒުތައް، އެކަމަށް ތައްޔާރު ނުކޮށް އޮތުމަކީ މިތަންތަނުގައި ދިރިއުޅޭ މީހުނަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއްކަމުގައި ގުރައިދޫން ވާހަކަ ދެއްކި މީހަކު ފާހަގަ ކުރިއެވެ. " ފެސިލިޓީތަކާ ހޮސްޕިޓާތައް މިކަމަށް ތައްޔާރުވިއިރު މިފަދަ ބަލިމީހުން ބައިތިއްބާ މަރުކަޒުތައްވެސް ކޯވިޑް 19 ބަލިމަޑުކަމަށް ތައްޔާރު ކުރިނަމަ، ބައްޔަށް ފައްސިވި މީހުނާ ނުވާމީހުން އެއްތަނެއްގައި ދިރިއުޅޭކަށް ނުޖެހުނީސް." ނަން ހާމަ ނުކުރުމަށް އެދި އޭނާ ބުންޏެވެ.

ރާއްޖޭގެ އެހެން ރަށްރަށުގައި ހުންނަ ހޮސްޕިޓާތަކުން މާލެ ގެންނަ މީހުނާއި ހަވާލުވާން ނަރުހުންނާއެކު އެންބިއުލާންސް އާދެއެވެ. އެހެންކަމުން މިދުވަސް ވަރު ރަށްރަށު ހޮސްޕިޓަލުން ބަލިމީހުނާއެކު އަންނަ މުވައްޒަފުން މާލެ ފައިބާކަށް ނުޖެހެއެވެ. ސަބަބަކީ އެ ބަލިމީހާ އާއި އެކު އާއިލާގެ މެންބަރުން ހަވާލުވާން ތިބޭތީއެވެ. ނަމަވެސް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ބަލިވެގެން ގެންނަ މީހާގެ އެހީތެރިއަކަށް ހުންނަ މުވައްޒަފަކު އޭނާ އާއި އެކު ހޮސްޕިޓަލަށް ދާން ޖެހެއެވެ. އެއީ އޭނާ އާއި ހަވާލުވާނެ އިތުރު މީހަކު ނެތުމާއި މަރުކަޒު ގައި ތިބެނީ ގިނައިން ނަފުސާނީ ބަލިތަކުގައި އޫޅޭ މީހުން ކަމަށް ވުމުންކަމުގައި ގުރައިދޫގެ އިސްރަށްވެއްސަކު ބުންޏެވެ.

ކ. ގުރައިދޫ ކައުން ސިލުގެ ރައީސް ހުސައިން ޔަމީން މުޙައްމަދު ވިދާޅުވީ އެރަށުގެ 90 ޕަސެންޓަށް ވުރެ ގިނަމީހުން ވަނީ ކޯވިޑް 19 ވެކްސިންގެ ދެޑޯޒު ފުރިހަމަކޮށްފައެވެ.

ގުރައިދޫ މިހާރު އޮތީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މޮނީޓަރިންއަށް ލައިފައެވެ. އެއާއެކު ފިހާރަތަކަކާއި ކެފޭތައް ވަނީ ބަންދުކޮށްފައެވެ. އެހެންނަމަވެސް ޑެލިވަރީގެ ޚިދުމަތް އެތަންތަނުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައިނޫނީ ގުރައިދޫގައި ރައްޔިތުން ބޭރަށް ނުކުމެ ނޫޅޭކަމަށްވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ގުރައިދޫގައި އިއްޔެ އާއި ހަމައަށް ކޯވިޑް 19 އަށް ފައްސިވެފައިވާ މީހުންގެ ޖުމުލަ އަދަދު 117 އަރައިފައިވެއެވެ. މިވަގުތު ކޯވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްފައި 6 މީހުން އެބަތިއްބެވެ.