އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ވާހަކައަކީ މި ދުވަސްވަރު ފުޅާކޮށް ހޮޅުއަށިތަކުގައި މީހުން ދައްކައި އަހައި އުޅޭ ވާހަކައެވެ. ބުނެވޭ ގޮތާއި ކަން އޮތް ގޮތް ހާސްބައި ތަފާތެވެ. ޝައްކެތް ނެތް ގޮތުގައި އެއްބަސްވުމެއް ހެދުމުގައި މައްސަލައެއް ނެތެވެ! އިސްތިގްލާލާއި ސިޔާދަތަކީ، ކޮންމެ ސަރުކާރަކުންވެސް ޙިމާޔަތް ކޮށްދޭން ޖެހޭނެ މުގައްދަސް އަސާސެކެވެ. އަންނާން އޮތް ޖީލުތަކަށް ދިވެހި ގައުމު އިއްތިހާދުވެފައިވާ ވަހްދަތު ދެމެހެއްޓިފައިވާ ގައުމެއްގެ ގޮތުގައި އަމާނާތްތެރިކަމާއެކު ފޯރިވައިދޭން ޖެހެއެވެ. އެންމެންގެވެސް ވާޖިބެކެވެ. އިސްތިގްލާލާއި ސިޔާދަތު ޝިއާރަކަށް ވެގެއްނެސް ނުވާނެއެވެ.
ޖަޒީރާ ވަންތަ ވިސްނުމަކުން ބަޔަކު ވިސްނަނީ ތޯއްޗެކެވެ؟ ދިވެހިރާއްޖެއަކީ، ހިންދު ކަނޑުގައި އަޅާފައި އޮތް ނަވެއް ނޫނެވެ! އަދި ދިވެހިރާއްޖެއަކީ، ސަރުކާރު ބަދަލު ވުމާއެކު ނަގިލި ކަހައިލައިގެން ދުނިޔޭގެ އެހެން ބިތަކަށް، އިންޑިއާއާ ދުރަށް ގެންދެވޭނެފަދަ އޮޑިއެއްވެސް ނޫނެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސްޓްރެޓީޖިކް ހައިސިއްޔަތާއި ސަލާމަތީ ކަންކަމަކީ ޙައްސާސް ކަންކަމެވެ. ޙައްސާސް ވާން ޖެހޭ ކަންކަމެވެ. ދުޝްމަނުން ލިބިގަތުމާއި ލެޑިގަތުމުގައިވެސް މާފިއާ ގޭންގްތަކުންވެސް ހަމައާއި އުސޫލުތަކެއް ގެންގުޅެއެވެ.
ރައީސް ޢަބްދުﷲ ޔާމީން 2016 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާއާ ދިވެހިރާއްޖޭގެ ގުޅުމުގެ ވާހަކަ ޚުލާސާ ކޮށްދެއްވީ މިފަދައިންނެވެ.
ހައިދަރްއާބާދު ހައުސްގައި މެންދުރުގެ ފަރިއްކޮޅާއެކު އިންޑިއާ ބޮޑު ވަޒީރާއެކު ބޭއްވެވި މަޝްވަރާތަކަށް ފަހު، ޕްރެސް ކޮންފަރެންސްގައި ރައީސް ޔާމީން ވިދާޅުވިއެވެ.
"ދިވެހިރާއްޖެއިން ގެންގުޅޭނީ އިންޑިއާއަށް އިސްކަން ދޭ އިންޑިއާ ފަސްޓް ޚާރިޖީ ސިޔާސަތެއް. މިއަހަރު އަޅުގަނޑުމެން ވާނީ އިންޑިއާއާ އެކު ސިޔާސީ ގުޅުން ގާއިމް ކުރިތާ 51 އަހަރު ފުރުން ފާހަގަ ކޮށްފައި. އަޅުގަނޑުމެން ދެގައުމުންކުރެ އެއްވެސް ގައުމަކުން އަނެއް ގައުމު މާޔޫސް ކޮށްލުމުގެ ބޭނުމެއް ނެތް." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މި ދަތުރުފުޅަކީ، އިންޑިއާއާއެކު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވި ދަތުރުފުޅެކެވެ. ސީމެގް އިން އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް ފިޔަވަޅު ސއަޅަން އުޅުމުން އިންޑިއާއިން އެކަމާ ދެކޮޅުހަދައި އެކަން ނާކާމިޔާބު ކޮށްދިނުމުން އިންޑިއާއަށް އެމަނިކުފާނު ޝުކުރުވެސް އަދާކުރެއްވިއެވެ. އެ މަސައްކަތުގައި އެއިރު ރާއްޖެއަށް އެހީތެރިވެ ދެއްވި އިސް މޭސްތިރިއަކީ މިހާރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ އެސް ޖަޔަޝަންކަރެވެ. އެއިރު އޭނާ ހުންނެވީ ފޮރިން ސެކްރެޓެރީގެ މަގާމުގައެވެ.
އިންޑިއާގައި ރައީސް ޔާމީންގެ ދަތުރުފުޅުގައި ސޮއިކުރެއްވި އެއް ޑޮކިއުމެންޓަކީ ޑިފެންސް އެކްޝަން ޕްލޭނެވެ. މި އެކްޝަން ޕްލޭނަކީ ދެގައުމުގެ ސްޓްރެޓެޖިކް ގުޅުން ކުރިއަށް ގެންދިއުމަށް އެއްބަސްވެވުނު މަގު ޗާޓެކެވެ. މިއީ މުއާހަދާއެއްވެސް ނޫނެވެ. ދެ ކަމެއް އަސާސަކަށް ބަލައިގެން އެއްބަސްވެފައިވާ މި އެކްޝަން ޕްލޭނަކީ، ދެ ގައުމުގެ ދެމެދު ގުޅުން ބަދަހި ކުރުމަށާއި ދެ ގައުމުން ޙިއްސާ ކުރާ ސްޓްރެޓެޖިކް އަދި ސެކިއުރިޓީ ކަންކަމުގައި އަމަލުކުރުމަށް މަގު ދައްކާ ލިޔުމެކެވެ. އިންޑިއާއާއި ދިވެހިރާއްޖޭގެ ދޭދޭ ގުޅުމާ ބެހޭ އެއްބަސްވުމެކެވެ.
އުތުރު ތިލަފަޅާ ގުޅޭ އެއްބަސްވުން ބިނާކޮށްފައިވާ ޑޮކިއުމެންޓަކީ ޑިފެންސް އެކްޝަން ޕްލޭންއެވެ.
މިތާގައި ފާހަގަ ކޮށްލަން ޖެހޭ މުހިންމު ނުކުތާއަކީ އުތުރު ތިލަފަޅު ނުވަތަ އިނގިރޭސިން ކުރުކޮށް ކިޔާނަމަ ޔޫޓީއެފް އަކީ މިއަދުގެ ނަމެއް ނޫނެވެ. ސިޔާސީ ވާދަވެރިކަމުގެ ބަހުސްގައި މިއަދު އުތުރު ތިލަފަޅުގެ ވާހަކަ އާންމުންނާ ހަމައަށް ތިލަވިނަމަވެސް އުތުރު ތިލަފަޅަކީ، 2013 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ދިފާއީ ދާއިރާގެ މަޝްވަރާތަކުގައި އުތުރު ތިލަފަޅު ގާއިމް ކުރުމަށް އަބަދުވެސް މަޝްވަރާ ކުރެވިފައިވާ ތަނެކެވެ.
ކުރުކޮށް ބުނާނަމަ އުތުރު ތިލަފަޅަކީ، ރާއްޖޭގެ ކޯސްޓް ގާޑުގެ ޑޮކްޔާޑެވެ. މިހާރު ކޯސްޓް ގާޑް މަރާމާތު ކުރުމަށް ގެންދަނީ ރާއްޖޭން ބޭރަށެވެ. ބޮޑެތި އުޅަނދުތައް މަރާމާތު ކުރުމުގެ ފަންނީ ގާބިލުކަން ރާއްޖޭގައި ނެތްކަމަކީ ހަގީގަތެކެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ ބައިނަލްއަގްވާމީ މުއާހަދާއެއްވެސް ނޫނެވެ. މިއީ ދޭދޭ ގައުމުގެ ދެމެދު ސޮއިކޮށްފައިވާ ފަންނީ ކަމަކާ ގުޅޭ ބައިލެޓްރަލް އެއްބަސްވުމެކެވެ.
ގާނޫނުއަސާސީގެ ތިންވަނަ ބާބުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ބައިނަލްއަގްވާމީ މުއާހަދާއެއް ނޫނެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ބޭރުގެ އަސްކަރީން ތިބުމަށްޓަކައި ދިނުމަށް އެކުލަވާފައިވާ އެއްބަސްވުމެއްވެސް ނޫނެވެ. އެހެންވެ، ގާނޫނުއަސާސީގެ 251ވަނަ މާއްދާގެ (ނ)ގައި ބުނާ ޙާލަތަކަށްވެސް މިއެއް ނުފެތެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ 241 ކޮމިޓީގައި ދިފާއީ ވަޒީރު މާރިޔާ އަޙުމަދު ދީދީ ދެއްކެވި ވާހަކައިން ކަށަވަރު ވަނީ އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ތިބުމަށް ޖާގައެއް ނެތްކަމެވެ.
އުތުރު ތިލަފަޅުގައި ހަދާ ޑޮކްޔާޑްގައި މަސައްކަތް ކުރާނީ ސަޕޯޓު އެންޑް މެއިންޓެނަންސް ގްރޫޕަކުން ކަމަށް އެއްބަސްވުމުގައި ބުނެއެވެ. ދާއިމީ ގޮތަކަށް އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ބޭތިއްބުމެއް ނޫނެވެ.
އިންޑިއާ ސިފައިން ރާއްޖެ ހިފަން އުޅޭކަމަށް ބިރުދައްކައިގެން ލިބޭނެ މޮޅެއް އޮތްކަމަކަށް ނުބެލެވެއެވެ. މިބިރަކީ އިންތިޚާބެއް ކާމިޔާބު ކުރުމަށް އޮތް މކުރު މަގެއްކަމުގައި ބަޔަކު ބަލައިފިނަމަ، އެކަން ވެގެންދާނީ އެބަޔަކަށް ކާމިޔާބީއަކަށް ވުރެން ހިތި ބޭހަކަށެވެ.