ސ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު ތައްޔިބުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

އިސް މެޖިސްޓްރޭޓް ތައްޔިބާ ދެކޮޅަށް ބަލާފައިވަނީ ސ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުން، މި މައްސަލައިގައި ގޮތެއް ނިންމެވުމުގައި ޤާނޫނާ ޚިލާފަށް އަމަލުކުރައްވާފައިވާކަމަށް ބެލެވޭ މައްސަލައެވެ.

މިމައްސަލަ ބެލުމަށްފަހު ޖޭއެސްސީން މިއަދު ބުނެފައިވަނީ، އިސްމެޖިސްޓްރޭޓް ތައްޔިބް މައްސަލަ ރައްދުވާ ފަރާތް "ގޭގައި" ބަންދުކޮށްފައި ބެހެއްޓުމަށް ނެރެފައިވާ އަމުރަކީ، އިޖުރާޢަތާ ޚިލާފަށް ނެރެފައިވާ އަމުރެއްކަން ތަޙްޤީޤުކޮމިޓީއަށް ސާބިތިވެފައިވާކަމަށެވެ.

ޖޭއެސްސީން ބުނެފައިވަނީ މި އަމަލަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނޫގެ 32 ވަނަ މާއްދާގެ (3) ވަނަ ނަންބަރާއި، 33 ވަނަ މާއްދާގެ (ށ) އާއި، އެމާއްދާގެ (ޅ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާ ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން ނަސޭހަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް، 29 ސެޕްޓެންބަރު 2021 ވަނަ ދުވަހު ބޭއްވި ކޮމިޝަން ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.